ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި، މާލޭގެ މަގުތައް ހެދުމަށް 79 މިލިޔަން ރުފިޔާ!


މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް، އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި 79 މިލިޔަން ރުފިޔާ ހިމަނައިފިއެވެ. މަގުތައް ހެދުމަށް ނިންމާފައިވާގޮތާއި މަސައްކަތްތަކާގުޅޭ ޕްލޭން މިހާރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި މަގުތައް ހަލާކުވުމުގެ މައްސަލަ ޙައްލުކުރުމަށް މިހާރު ވަނީ ޕްލޭނެއް ތައްޔާރުކޮށްފައެވެ. އެ ޕްލޭން ތައްޔާރުކޮށްފައިވަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރިން ކޮށްފައިހުރި މަސައްކަތްތައްވެސް ހިމަނައިގެންނެވެ.

މާލޭގެ މަގުތަކުގައި އަތުރާފައިވާ ގާތައް ހަލާކުވެ، ދުއްވާ އުޅަނދުތަކަށް ލިބޭ ގެއްލުންތަކާއި ކާނުތަކާއި މަގުތައް ހަދާފައިވާގޮތުން ވިއްސާރަ ދުވަސްތަކުގައި މާލޭގައި ފެންބޮޑުވުމަކީ އާއްމުންގެ ޝަކުވާއަށް ޙައްލު ނުލިބި އޮތް މައްސަލައެކެވެ. މިމައްސަލަ ހައްލު ކުރުމަށް އަނެއްކާވެސް ސަރުކާރުން މިވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން އަންނަ އަހަރަށް ދަޢުލަތުން ލަފާކުރި ބަޖެޓުގައިވެސް މިވަނީ މާލޭގެ މަގުތައް ހެދުމަށް 79 މިލިޔަން ރުފިޔާ ކަނަޑައަޅާފައެވެ.

މަގުތަކުގައި ގާއަތުރާލައިގެން މަގުތަކުގެ މައްސަލަ ޙައްލުވާން ނެތްކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ އަދި އަލަށް ހަދާފައިވާ ޕްލޭންގައި މަގުތައް ހަދާނީ މަގު ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް ބޮޑަށް ޙައްލުވާނެފަދަ ގޮތަކަށެވެ. އަދި ފެންހިންދާ ނިޒާމު ހަދާއިރު އަޅާ ހޮޅިތައްވެސް އަޅާނީ ކާނުތެރެއިންދާ ގޮތަށްކަމަށާއި އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ، ފަސޭހައިން ފެން ލިބޭނެގޮތަށް ހައިޑްރަންޓް ސިސްޓަމްވެސް ބަހައްޓާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން މާލޭގެ މަގުތައް ހަދަން ފަށާއިރު އެންމެ ބޮޑު އިސްކަމެއްދިނުމަށް ހަމަޖެހިފައިވަނީ މިހާރު ބޮޑަށް ހަލާކުވެފައިވާ މަގުތަކަށެވެ.

ބޯކޮށް ވަރޭ ވެހިއްޖެނަމަ ކުޑަ ވަގުތުކޮޅެއްތެރޭ މާލޭގެ މަގުތަކުގައި ފެންބޮޑުވެއެވެ. އަދި ކާނުތައް ބެދުމާއި މާލޭގެ ބައެއް ސަރަޙައްދުތައް އަޑިކޮށް ހުރުމުގެ ސަބަބުން ފެން ހިންދުމަށްވެސް ގިނަ ވަގުތު ނަގައެވެ. މިހާރުވެސް މާލޭގެ ބައެއް ސަރަޙައްދުގައި "ސްޓޯމް ވޯޓަރ ޕަމްޕް"ތައް ބޭނުންކުރި ނަމަވެސް އެއީ މާލެއަށް އެންމެ އެކަށީގެންވާ ޢަދެއް ނޫނެވެ.

މީގެ ތިން އަހަރު ކުރިން ކުރީގެ ސަރުކާރުން މަޖީދީމަގު ހަދަން ފެށުމާއެކު އެންމެންވެސް އުއްމީދުކުރީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށެވެ. މަގު އެއްކޮޅުން އަނެއްކޮޅަށް ކޮނެ، ގާތަށް ނަގައި އަލުން މަގު ހެދީ ފެންހިންދުމުގެ ނިޒާމުވެސް ރަނގަޅުކޮށްގެންނެވެ. އެކަމަކު އޭގެ ފަހުން މާލެއަށް ކުރި ވިއްސާރަތަކުގައި، ކުރިން ފެންބޮޑުނުވާވަރަށް، ބައެއް މަގުތަކުގައި ފެންބޮޑުވިއެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ހަދަން ކުރީގެ ސަރުކާރުންވެސް ނިންމިއެވެ. މަޖީދީ މަގުގެ މަސައްކަތް 2018ގައި ނިމުމާ އެކު އިތުރު 13 މަގެއް ހަދާނެ ކަމަށް ހާމަކުރިއެވެ. އެކަމަކު ސަރުކާރު ނިމުމުގެ ކުރިން ހެދުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގެވެ.