ޚަބަރު

ލާމަރުކަޒީ ޤާނޫނަށް 58 އިސްލާޙު!


ލާމަރުކަޒީ ޤާނޫނަށް 58 އިސްލާޙު ހުށަހަޅާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުގެ ފަރާތުނ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންދަނީ މަސައްކަތްކުރަމުންނެވެ. ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ ހުށަހެޅިފައިވާ އިސްލާހުތައް ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކަށްކަމަށެވެ.

ޖުމުލަގޮތެއްގައި އިސްލާޙުތައް ހުށަހަޅާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުންކަމަށް އޭނާ ވިދާޅުވިއެވެ. ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކައުންސިލްތަކަށް ދަތިވާގޮތަށް ހުރި ބައެއްބަރުތައް ދޫކޮށްލުންކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުތަކާމެދު މަޝްވަރާކުރުމަށް މިހަފްތާގެތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ކޮމިޓީ މަރުޙަލާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

ކޮމިޓީއަށް ހުށަހަޅާފައިވާ އިސްލާޙުތަކުގެ ސަބަބުން ސަރުކާރުން ކައުންސިލްތަކަށް ދޭން ކަނޑައަޅާފައިވާ ފައިސާގެ އެއްވެސް ޢަދަދަކަށް ބަދަލެއް ނާންނާނެކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ ކަމާބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަޝްވަރާތަކަށްފަހު މިމަހުގެ 14ވަނަ ދުވަހު ކޮމިޓީގެ މަސައްކަތް ނިންމުމަށްކަމަށެވެ.

ލާމަރުކަޒީޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ޤާނޫނުގައި ކައުންސިލްތައް ހިންގުމަށް ކަނޑައަޅާފައިވާ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލުމަށް ގެންނަ އިސްލާހުތަކެކެވެ. ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކުރެވެނީ ކައުންސިލްތަކަށް މާލީ ބޮޑު ބާރުވެރިކަމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. ކައުންސިލްތައް ހިންގުމަށްޓަކައި އަންނަ އަހަރަށް ކައުންސިލްތަކަށް 1.6 ބިލުޔަން ރުފިޔާ ދައުލަތުގެ ބަޖެޓްގައިވަނީ ޚާއްސަކޮށްފައެވެ.