ކުޅިވަރު

ޓީމް އޮތީ ތާރީޚުން ޖާގަ ހޯދަން ކެތްމަދުވެފައި - ފައިސަލް


ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، ހުރިހާ ވިސްނުމެއް މިވަގުތު ހުރީ އަފްގާނިސްތާން ބަލިކޮށް ފައިނަލްގެ ޔާގައެއް ޔަގީންކުރަން ކަމަށް ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗް މުޙައްމަދު ފައިސަލް ބުނެފިއެވެ.

ބަންގްލަދެޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި މިއަދު އަފްގާނިސްތާނާއި ދެކޮޅަށް ނިކުންނާނެއެވެ. މުބާރަތުގައި މިހާތަނަށް ރާއްޖެ ކުޅުނު ދެ މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އެއާއެކު މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ރާއްޖެ ފައިނަލުގެ ޖާގަ ލިބި މެޑަލްއެއް ކަށަވަރުވާނެއެވެ.

އަފްގާނިސްތާނާއި މެޗުގެ ކުރިން ކޯޗް ފައިސަލް ބުނީ، ކުރިން ކުޅުނު މެޗުތަކުގައި އެންމެ ގިނަ ގޯސް ހެދިފައިހުރީ ޑިފެންސް އާއި ރިސީވްގައި ކަމަށާއި، މި މެޗުގައި އެކަމަށް ސަމާލުވާނެކަމަށެވެ. އެނާ ބުނީ މިއަދުގެ މެޗަކީ ރާއްޖެއަށް އެތައް ގޮތަކުން ޚާއްސަ މެޗެއް ކަމަށާއި، ގައުމީ އަންހެން ވޮލީބޯޅަ ޓީމް ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތަކުން ހޯދާނެ އެންމެ ބޮޑު ކާމިޔާބީ ހޯދުން އޮތީ މިއަދުގެ މެޗުގެ ނަތީޖާ އާއި ގުޅިފައި ކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ޤައުމީ ދުވަހު މި ފަޚުރުވެރި ކާމިޔާބީ ހޯދަން ޓީމް ކެތްމަދުވެފައި ތިބިކަމަށްވެސް ކޯޗް ފައިސަލް ބުންޏެވެ.

"އަޅުގަނޑުމެން މުޅި ޓީމުގެ ފަރާތުން ޖުމްހޫރީ ދުވަހުގެ ތަހުނީ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރަން، މީ ޚައްސަދުވަހު އަޅުގަނޑުމެން މި ތައްޔާރުވީ ޚާއްސަ ކާމިޔާބީއެއް ހޯދަން، ޓީމް މިިއޮތީ ފުރިހަމައަށް ތައްޔާރަށް، ހުރިހާ ވިސްނުމެއްވެސް ހުރީ މިއަދުގެ މެޗް ކާމިޔާބުކޮށް މެޑަލްެއެއް ކަޑަވަރު ކުރަން" ކޯޗް ފައިސަލް ބުންޏެވެ.