މުނިފޫހިފިލުވުން

ޖަޔާލަލީތާގެ ފިލްމުގެ ޝޫޓިންތައް އެންމެފަހުން ފަށައިފި

މީގެ ތިން އަހަރުކުރިން އިންޑީއާގެ ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރ ޖަޔާލަލީތާގެ ހަޔާތރުގެ މައްޗަށް އުފައްދާ "ތަލައިވީ"ގެ ޝޫޓިން ފަށައިފިއެވެ.

މި ފިލްމުގެ ޝޫޓިން ފަށާފައި ވާއިރު މި ފިލްމުގެ މައްސަލާގައި ފިލްމްގެ ޑައިރެކްޓަރުންނަށް މެޑްރާސް ކޯޓުން ވަނީ ނޯޓިސް އެއް މިދިޔަ ހަފްތާގައި ފޮނުވާފައެވެ. ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ފީޗަރ ފިލްމަކާއި ވެބް ސިރީޒެއް އުފައްދުމަށް ވަނީ ނިންމާފައެވެ.

މި ފިލްމުތަކުގެ ޑައިރެކްޓަރުންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށައެޅީ ޖަޔާލަލީތާއަށް ބޮޑު ދައިތަކިޔާ ދީފަކް ޖަޔާކުމާރާއި ދީޕާ ޖަޔާކުމާރީއެވެ. މި މީހުން ކޯޓަށް މައްސަލަ ހުށައެޅީ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާއިރު އެކަމުގައި އާއިލާގެ އެއްވެސް ބަހެއް އަދި ހުއްދައެއްވެސް ހޯދާފައިނުވާތީއެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ފިލްމުތަކުގައި ޖަޔާލަލީތާ އާއިލާގެ ހުއްދަ ހޯދުމަށާއި އެ ފިލްމުތަކުގައި ޖަޔާލަލީތާގެ ހަޔާތާއި ބެހޭގޮތުން ހަޤީގަތާއި ހިލާފު އެއްވެސް ވާހަކަތަކެއް ނުހުންނާކަން އާއިލާއަށް ކަށަވަރުކޮށްދިނުމަށެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ފިލްމުގެ މަސައްކަތް ފަށާފައި މިވަނީ ކޯޓު އަމުރުގައި އެދުނުކަންކަން ފުރިހަމަކުރުމަށްފަހުކަމަށެވެ.

މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ކަންގަނާ ރައުޓާއި އަރްވިން ސުވާމީއެވެ. ވިޝްނޫ އިންދޫރީ އާއި ޝާއިލެޝް އާރު ސިންގް ޕްރޮޑިއުސްކޮށް ވިޖޭ ޑައިރެކްޓްކުރާ މި ފިލްމު ތިން ބަހަކުން ނެރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ހިންދީ ބަހުގެ އިތުރުން ޓެމިލް ބަހުންނާއި ތެލަގޫ ބަހުންވެސް މި ފިލްމު ނެރޭނެއެވެ.

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ހަ ދައުރު އަދާކުރެއްވި ޖަޔާލަލީތާ އަވަހާރަވީ 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 5 ވަނަދުވަހުއެވެ. ގިނަ އާއްމުންގެ މެދުގައި މަގްބޫލު ސިޔާސީ ލީޑަރ ޖަޔާލަލީތާ އަވަހާރަވީ ހާޓްއެޓެކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ.