ޚަބަރު

ޖުމްހޫރީ ހަޔާތުގައި ކޯލިޝަންގެ ވެރިކަން


ރާއްޖޭގެ ޖުމްހޫރިއްޔާގެ 52 ވަނަ ޖުމްހޫރީ ދުވަސް މިއަދު ފާހަނގަކުރަމުންދާއިރު، 2007 ވަނަ އަހަރު ރާއްޖެ ބަލައިގަތް ފެހި ޤާނޫނު އަސާސީއާއެކު އުފެދުނު އެއްވެސް ވެރިކަމެއް މިހާތަނަށް ވަކި ސިޔާސީ ޕާޓީއަކަށް އަދި ސިޔާސީ ފިކުރަކަށް އެކަނި ނިކުމެ ކާމިޔާބު ކުރެވިފައެއްނުވެއެވެ.

ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު 2007 ވަނަ އަހަރުން ކުރިއަށް އޮތް 2020 ވަނަ އަހަރާއި ހަމައަށް މިވީ 13 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ޖުމްހޫރިއްޔާގެ ވެރިކަމުގެ ތަޖުރިބާ ކުރަންޖެހިފައިވަނީ ވަރަށްވެސް ކެތްތެރިކަމާއެކުގައެވެ. ނިމިދިޔަ 13 އަހަރުގެ ތެރޭގައި 4 ބޭފުޅަކު ވަނީ މިޤައުމުގައި ރައީސްކަން ކުރައްވާފައެވެ.

ރާއްޖޭގެ ޖުމްހޫރީ ނިޒާމަށް އައި ބޮޑުބަދަލާއެކު އުފަންވި ފެހި ޤާނޫނު އަސާސީގެ ދަށުން ޑިމޮކްރަޓިކް އުސޫލުން ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިޚާބްގައިވާދަކުރުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ. މިނިޒާމަކީ ރައްޖެއަށް މުޅިންއާ ނިޒާމަކަށްވީއިރު، ޤާނޫނު އަސާސީން އުފެދުނު އެތައް މުވައްސަސާތަކާއި، ދޫކޮށްލެވުނު ބާރުތަކުގެ ސަަބަބުން ރައްޔިތުންވަނީ މުޅިން އައު ތަޖުރިބާތަކެއްކޮށްފައެވެ.

އުފާވެރި ތަޖުރިބާތަކާއި، ހިތި ތަޖުރިބާތަކެއް ނުކުރާ ސިޔާސީ ލީޑަރެއް ސިޔާސީ ޕާޓީއެއް މިޤައުމުގައި މިހާރަކު ނެތެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުވި ރައީސަކަށްވެ ވަޑައިގެންނެވީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދަށް ވެރިކަމަށް އާދެވުނީ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިންމުމަށް އޭރު އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ވަރުގަދަ ކޯލިޝަނަކާއެކު ކުރި މަސައްކަތުންނެވެ. ނަމަވެސް ރައީސް މައުމޫންގެ ވެރިކަން ނިންމުމަކަށް ގެނެސް ކޯލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ބައިއަތުހިފި ކޯލިޝަނަށް އެގޮތުގައި މާގިނަ ދުވަހަކު ދެމި އޮވެވޭގޮތެއްނުވިއެވެ. އެންމެ 21 ދުވަހުގެ ތެރޭގައި އެ ކޯލިޝަން ރޫޅުނެވެ. އަދި ކޯލިޝަންގައި ތިބި ޕާޓީތަކުން ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކާއެކު ނުކުތެވެ.

މިއާއެކު ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު އިސްތިއުފާ ދެއްވިއެވެ. އަދި ދައުރުގެ ބާކީބައިގައި ގިނަ ފާޑުކިއުންތަކާއި ގޮންޖެހުންތަކާއެކު ވެރިކަން ކުރެއްވީ ރައީސް ނަޝީދުގެ ނާއިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ޑރ.ވަހީދު ވެރިކަން ކުރެއްވިއެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުންވެސް ފެނިގެން ގޮސްފައިވަނީ ބޮޑު ކޯލިޝަނަކާއިއެކު ރައީސް ޔާމީން ވެރިކަމަށް ގެނައި މަންޒަރެވެ. ނަމަވެސް އެމަނިކުފާނަށްވެސް މާގިނަ ދުވަހަކު ކޯލިޝަނާއިގެން ކުރިއަށްދެވޭ ވަރެއް ނުވިއެވެ. އެ ކޯލިޝަންވެސް ރޫޅުނީއެވެ.

ރައީސް ޔާމީން ވެވަޑައިގެންފައިވަނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ނާއިބް ރައީސުން ބަދަލުކުރެއްވި ރައީސްގެ ގޮތުގައިވެސްމެއެވެ. ދައުރުގެ މެދުތެރެއިން އެމަނިކުފާނުގެ ފުރަތަމަ ނާއިބް ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މަޤާމުން ދުރުކުރައްވައި އަޙްމަދު އަދީބް އެ މަޤާމަށް އައްޔަންކުރެއްވިއެވެ. ނަމަވެސް އަދީބަށް، ބޮޑެތި ތުހުމަތުތަކެއް ކުރެވި އިތުބާރު ގެއްލި އޭނާ ޖަލުގައި ބަންދުކުރެވުނެވެ. އެއާއެކު ރައީސް ޔާމީންގެ 3 ވަނަ ނާއިބް ރައީސެއްގެ ގޮތުގައި ޢަބްދުﷲ ޖިހާދު އައްޔަން ކުރެވުނެވެ. ރައީސް ޔާމިން ވެވަޑައިގެންފައިވަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ހުރިހާ ލީޑަރުންނާއި، އިދިކޮޅަށް ބަސްބުނި ސިޔާސީ ފަރާތްތައް އެންމެ ގިނައަދަދަކަށް ޖަލަށްލެއްވި ރައީސްގެ ގޮތުގައިވެސްމެއެވެ.

ރައީސް ޔާމީންގެ ދައުރު ނިމެން ކައިރިވެ 2018ގެ ރިޔާސީ އިންތިޚާބު ބޯމަތިވިއިރު އަނެއްކާވެސް ފެނިގެންދިޔައީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅި ވަރުގަދަ ކޯލިޝަނެއް އުދެފުނުތަކެވެ. ރައީސް ޔާމީންގެ ވެރިކަން ނިންމުމަށްޓަަކައި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއެއް އެއް މޭޒެއްގެ ދޮށަށް އައިތަނެވެ.

މިކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކަށް ނުކުންނެވީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދާއި، އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ކުރެވުނު އުދަގޫ މަަސައްކަތްތަކަށްފަހު، ކޯލިޝަނުންވަނީ ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް ކޯލިޝަންގެ ވެރިކަމެއް ޤާއިމްކޮށްފައެވެ. ރައީސް ޞާލިހުގެ ވެރިކަމަށް 1 އަހަރުވެގެންދާއިރު އެމަނިކުފާނު އަބަދުވެސް ދައްކަވާ އެއް ވާހަކަފުޅެއް އޮވެއެވެ. އެއީ ކޯލިޝަންގެ ބައިވެރިންނާއިއެކު ސަރުކާރު ދެމެހެއްޓުމުގެ މުހިންމުކަމުގެ ވާހަކައެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކި ކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ސިފަކުރައްވައެވެ.

އެހެންކަމުން މާޒީވެދިޔަ ކޯލިޝަން ސަރުކާރުތަކާ ޚިލާފަށް، ރާއްޖޭގައިވެސް ކޯލިޝަން ސަރުކާރެއް ހިންގިދާނެކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މި ގެންދަވަނީ ސާބިތު ކުރައްވަމުންނެވެ. ގޮންޖެހުންތަކާއެކުވެސް ކޯލިޝަނަށް ލޮޅުންއަރާފަދަ ކަމަކަށް ޖާގަ ނުދެއްވައި ކުރިއަށްދިއުމަކީ ރައީސް ޞާލިޙުގެ ވިސްނުންފުޅުކަމަށް ވާއިރު، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންވެސް ޚިޔާލުތަފާތުވާ ދަނޑިވަޅުތަކުގައި މިފަދަ ވިސްނުމެއްގައި ކުރިއަށްދާތަން މިހާތަނަށް ދަނީ ފެންނަމުންނެވެ.

މިއަދު ފާހަގަކުރަމުންމިދަނީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ ދުވަހެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމްކުރެވުނީ، 1 ޖެނުއަރީ 1953ގައި، ސުމުއްވުލް އަމީރް އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައެވެ. މިހާރު ޤާއިމުވެފާ މިއޮތް، ދެވަނަ ޖުމްހޫރިއްޔާ ދިވެހިންނާއި ބައްދަލުކުރީ ސުމުއްވުލް އަމީރް އަލް މަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައެވެ.