ޚަބަރު

ރާއްޖެ ދުނިޔޭގެ ޤައުމުތަކާ ހަމަޔަށް ގެންދިޔުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ - އިމްރާން


ދިވެހި ޖުމްހޫރިއްޔާގެ ކުރިއެރުން ދުނިޔޭގެ ޤައުމުތަކާހަމަޔަށް ގެންދިޔުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ގޮވާލައްވަފައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމްމިނިސްޓަރ ވިދާޅުވީ ރާއްޖެއިން ދުނިޔޭގެ ޤައުމުތަކާ ފައިހަމަކުރުމަށް ކުރިމަތިވާ ދަތިތަކެއް އެބަހުރިކަމަށެވެ. އަދި މިދަނޑިވަޅުގައި އެކަންކަމަކީ ކޮބައިކަކަން ބަލާ ދިރާސާކޮށް ވިސްނާ ފިކުރުކުރުމަށް މިނިސްޓަރ ވަނީ ގޮވާލާފައެވެ. ރައްޔިތުންނަށް އިޚްލާސްތެރިވުމަކީ ކޮންމެ ދަޢުލަތެއްގެ ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އަމިއްލަ މަސްލަހަތު އިސްކުރުމަށްވުރެ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތާއި ހަމަޖެހުން އިސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެއަށް އަންނަ ކޮންމެ ގޮންޖެހުމަކުން ސަލާމަތްވިމަށް ސަރުކާރައި ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ. އިންސާނީ މުޖުތަމައުއެއްގައި ހަމަޖެހުމާއި މަސްލަހަތު ލިބިގެންވާ ވެރިކަމެއް ޤާއިމްވެފައި އޮންނާނީ ފަރުދުންނަށް ލިބޭ ޙައްގުތަކާ އެއްވަރަށް ފަރުދުންގެ ޒިންމާވެސް އަދާކޮށްގެން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ވެރިކަމުގެ ވައްޓަފާޅިއަށް ވިސްނާ ފިކުރުކުރުމަކީ ޖުމްހޫރިއްޔާތުގެ މުސްތަޤްބަލު އުޖާލާކުރުމަށް ކޮންމެ މީހެއްގެ ޤައުމީ ވާޖިބެއްކަން ފާހަގަކޮށް މިނިސްޓަރ ވަނީ ޖުމްހޫރިއްޔާތުގެ މިލްކުވެރިންނަކީ ރައްޔިތުންކަން ފާހަގަކުރައްވަފައެވެ. އަދި ޖުމްހޫރިއްޔާތުގެ ވެރިކަމެއް ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އިމްރާން ވަނީ ހަޤީގީ ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ވަޅުޖެހުމުން ދަނިކޮށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްހޫރީ ވެރިކަމެއްގެ ސިފަތައް ދެމެހެއްޓުމަށް ރައީސް ޞާލިހް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔަ ތާރީޚުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ. މިއަހަރަކީ ދިވެހި ޖުމްހޫރިއްޔާތަށް 51 އަހަރު ފުރޭ އަހަރެވެ.