ޚަބަރު

ތޫފާން ބުލްބުލްގެ ނުރައްކަލުން ސަލާމަތްވުމަށް ބަންގްލަދޭޝްގެ އެތައްހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް!


ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން ބުލްބުލްގެ ނުރައްކަލުން ސަލާމަތްވުމަށް ބަންގްލަދޭޝްގެ އެތައްހާސް ބަޔަކު ރައްކާތެރި ތަންތަނަށް ޖަމާވެއްޖެއެވެ.

ތޫފާން ބުލްބުލް ބަންގްލަދޭޝްގެ ހުޅަނގު އައްސޭރިފަށާ ގާތްވެފައިވާއިރު އެ ޤައުމުގެ އައްސޭރިފަށުގައި ޤާއިމުކޮށްފައިވާ ރައްކާތެރި ތަންތަނަށާއި ހިޔާވަހިތަކަށް އެއްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ބުލްބުލްގެ ވަޔާއެކު 1.5 މީޓަރާއި 2.1 މީޓަރުގެ އުސް ރާޅުތައް އުފެދޭނެކަމަށް ބަންގްލަދޭޝްގެ މޫސުމާބެހޭ އިދާރާ؛ ބަންގްލަދޭޝް މިޓީއޮރޮޖިކަލް ޑިޕާޓްމަންޓުންވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބުލްބުލް، އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އަރާނީ ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކުއެވެ. އެ ތޫފާނުގެ ނުރައްކަލުން ޢާއްމުން ސަލާމަތްކުރުމަށް ބްންގްލަދޭޝްގެ އައްސޭރިފަށުގެ ތޭރަ ސަރަޙައްދެއްގައި ތިންހާސް ހިޔާވަހި ބިނާކޮށްފައިވާކަމަށާ އެ ތަންތަނުން 1.8 މިލިޔަން މީހުންނަށް ހިޔާވަހިކަން ލިބޭކަމަށް ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

ބޭ އޮފް ބެންގާލްގައި ޢާއްމުކޮށް ތޫފާންތައް އުފެދެނީ އެޕްރީލްމަހާއި ޑިސެމްބަރު މަހުގެ ތެރޭގައެވެ.