ޚަބަރު

ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ، އަވަހަށް މަޝްރޫޢުތައް ފެށުން - ރައީސް


އަންނަ އަހަރުގެ ބަޖެޓްގެ އެންމެ މުހިންމު އަމާޒަކީ، އިންތިޚާބީ އަހަރުކަމުގައިވާ 2023ވަނަ އަހަރަށް މަޑުނުކޮށް، ކުރިއަށް އޮތް ދެއަހަރުގެ ތެރޭގާ، ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ބޮޑެތި މަޝްރޫޢުތައް ފެށްޓެވުން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު ވާނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިކަމަށާ، ބަޖެޓްގެ 11 އިންސައްތަ ޚާއްޞަކޮށްފައިވާނީ، އިޖްތިމާޢީ ރައްކާތެރިކަމަށް ކަމުގައެވެ. އަދި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް 12 އިންސައްތަ އަދި ޞިއްހީ ދާއިރާއަށް 11 އިންސައްތަ ޚާއްޞަކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ބަޖެޓްގައި ކަނޑައަޅާފައިވާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އަދި ސަރަހައްދީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް، 5 ސަރަހައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަމުގެ ހެޔޮ ނަތީޖާ އަންނަ އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއަށް މިދިޔަ އަހަރުގެ ތެރޭގައި ގެނައި އެންމެ ހެޔޮ ބަދަލަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށުންކަމަށް ރައީސް ވިދާޅުވިއެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި މިހާތަނަށް 4736 ދަރިވަރުން ބައިވެރިވެފައިވާކަމަށާ، އަދި 567 ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޫކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރަށްރަށުގާ އިތުރު މިސްކިތްތައް ޢިމާރާތްކުރުމާއި މިހާރު ހުރި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާ، އިޢާދަކުރަނިވި ހަކަތައިން، 11 މިސްކިތެއް އޭސީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 8 ރަށެއްގައި މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްވަނީ ރައްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށްވެސް އަލި އަޅުއްވާލައްވާފައެވެ.

" ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، ހަމަހަމަ ގޮތެއްގާ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ. ޖުމްލަ 34 ރަށެއްގެ ބަނދަރު މަޝްރޫޢު ކޮންޓްރެކްޓަރާ ހަވާލު ކުރެވި، އޭގެ ތެރެއިން 14 ރަށެއްގާ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފަ. 7 ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. މެދުނުކެނޑި ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކާ، 58 ރަށަކަށް ޖެނެރޭޓަރު ސެޓް މިހާރު ވާނީ ފޮނުވިފަ. އަދި 33 ރަށެއްގެ، ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓްގާ ސޮއިކޮށް، ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފަ. އަޅުގަނޑުގެ އަމާޒަކީ، ފެނާ ނަރުދަމާ ނިޒާމު މަޝްރޫޢުތައް، މިހާތަނަށް ނުފެށި ހުރި ހުރިހާ ރަށެއްގާ، 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެމަސައްކަތް ފެށުން." ރައީސް ވިދާޅުވި.

ރައްޔިތުންނަށް އެންމެ އަވަސް ހައްލެއް ބޭނުންވާ، އަދި އެންމެ ބޮޑު އިޖްތިމާޢީ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް އަހަރުގެ ތެރޭގާ، ރާއްޖޭގެ އެކި ރަށްރަށުގާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބަޖެޓް ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭގާ އިތުރު ފްލެޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގާ ފެށިގެންދާނޭކަމަށް ރައީސްވަނީ މިޖަލްސާގައި ވިދާޅުވެފައެވެ.