ޚަބަރު

ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ - ރައީސް


ދައުލަތުގެ އެއްވެސް ބާރެއްގެ ވެރިއަކަށް ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސަރުކާރުން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ކަމަށެވެ. ޤާނޫނުއަސާސީގެ 5ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގާ އޮންނާނީ ދުސްތޫރީ ސިޔާދަތެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހި ދައުލަތުގާ އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ، ދިވެހި ދިދައިގެ ދަށުގައިވެގެން އުޅޭ ހަމަ އެކަކަށްވެސް، ޤާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑުކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންކަމުގާ ވިޔަސް، ޤާނޫނުއަސާސީއަށް ވުރެ މަތީގާ ނުހުރެވޭނެ. އަދި ޤާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގާ ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ، މިދެންނެވި ހަޤީޤަތް ޤަބޫލުކޮށްގެން ހުރެ، ޤާނޫނުއަސާސީ ނެގެހެއްޓުމަކީ، އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމަށް ދެކިގެން." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމަހުގެ 17ވަނަ ދުވަސް ވެގެންދާނީ، ދިވެހި ޖުމްހޫރިއްޔަތުގެ ހަތް ވަނަ ވެރިކަމަށް، 1 އަހަރު ފުރޭ ދުވަހަށް ކަމަށާއި، ރައްޔިތުން މިސަރުކާރު އިންތިޚާބުކުރި ސަބަބާ، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް ހަނދާން ބަހައްޓަންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިއާސީ އިންތިޚާބުގާ، މި ސަރުކާރަށް ވޯޓު ނުދޭ ރައްޔިތުންތަކެއް ތިބިކަން، އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލައިގެން ނުވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަޝްރޫޢުތައް ހިންގުމާ ޚިދުމަތްތައް ދިނުމުގާ އެއްވެސް ރައްޔިތަކު ތަފާތުކޮށް، އެއްވެސް ބަޔަކު ބާކީކޮށްގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރު ދެމިއޮންނާނީ، އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް، ޚިދުމަތް ކުރުމުގައި ކަމަށެވެ.

"ސަރުކާރުގެ އެންމެހާ ކަންކަން ތަރުތީބުކުރެވި އިންތިޒާމުކުރެވިފާ ހުންނަންވާނީ، ރައްޔިތުން އެދޭ ފެންވަރަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. ރައްޔިތުންގެ މަޖިލީހުން، ޤާނޫނުތައް ހަދަންވާނީ، ރައްޔިތުންގެ އަސާސީ ހައްޤުތައް ހިމާޔަތްކުރެވި، ރައްޔިތުންގެ އެންމެ މަތީ މަޞްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށް. ފަނޑިޔާރުގޭގެ މަޤްޞަދަކަށް ވާންވާނީ، ޢަދުލުވެރިކަމާއެކު ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހޯދާދިނުން." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގާ ޚިޔާލާ މަޝްވަރާ ދެއްވާ، ސަރުކާރު ކޯލިޝަންގެ ލީޑަރުން ކަމުގައިވާ، ރައީސް މުޙައްމަދު ނަޝީދާއި ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާ އޮނަރަބަލް ޤާސިމް އިބްރާހީމް އަދި އައްޝައިޚް އިމްރާން ޢަބްދުﷲއަށް، ރައީސްވަނީ މިޖަލްސާގައި ޝުކުރު އަދާކުރައްވާފައެވެ.