ބޮޑީބިލްޑިންއާއި، ބެޑްމިންޓަނުން ރާއްޖެ ފަހުރުވެރިކޮށްދިން ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިއަދު ކުރެއްވި ޓްވީޓުގައިވަނީ ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތުންނާއި ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްއިން މެޑަލް ހޯދި ކުޅުންތެރިންނަށް މަރުޚަބާ ދަންނަވާފައެވެ. އެގޮތުން ދެކުނު ކޮރެއާގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އަޒްނީން ރަޝާދުއާއި މުޙައްމަދު މޫސާއަށާއި، ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖެއަށް ރީތިނަން ހޯދައިދިން އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ އިތުރުން ޒަޔާން ޝަހީދު ޒަކީ، ރާއްޖެއަށް ރަންޑެލް ހޯދާދީފައިވާތީ މި ކުޅުންތެރިންނަށްވެސް ރައީސްވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަޒްނީން ލޯ މެޑަލް ހޯދީ ދުނިޔޭގެ ބޮޑީ ބިލްޑިންގ މުބާރާތުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިންނެވެ. މުޙައްމަދު މޫސާ ލޯ މެޑަލް ހޯދީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީންނެވެ.
ނަބީހާއާއި ނަބާހާ ރަން މެޑަލް ހޯދީ ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ އަންހެން ޑަބަލްސްއިންނެވެ. ޒަޔާންއާއި ނަބާހާ ރަން މެޑަލް ހޯދީ މި މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުންނެވެ. މިއީ ބީޑަބްލިއުއެފްގެ ސާރކިޓްގައި ހިމެނޭ މުބާރާތަކުން ދިވެހިރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ.
ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިން އަޒްނީން ރަޝާދުއާއި މުޙައްމަދު މޫސާ ހޯދި ކާމިޔާބީއަކީ މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖޭގެ ބޮޑީބިލްޑަރުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.