ޚަބަރު

"މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެމްޓީސީސީ އޮތީ ހަތަރު ސަތޭކަ މިލިޔަން ރުފިޔާއިން ދަރާފައި"


މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އެމްޓީސީސީ އޮތީ 4 ސަތޭކަމިލިމިޔަން ރުފިޔާއިން ދަރަނިވެރިވެފައިކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ކުންފުނިތަކުގެ ހާލަތުއޮތީ ވަރަށްދަށް ޙާލަތެއްގައިކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކުންފުނިތަކުގެ މާލީ ހާލަތާމެދު ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށާ، ޕްރޮޖެކްޓްތައް ޙަވާލުކުރުންފަދަ ކަންކަމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށްވެސް އެތައްކަމެއް ކޮށްފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކުންފުނިތަކަށް ދިމާވެފައިވާ މިޙާލަތު ބަދަލު ކުރުމަށްޓަކައި މިވީ ދުވަތަކުގައި ސަރުކާރުން ކުންފުނިތަކަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އަމީރު ވިދާޅުވިއެވެ. ކުންފުނިތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްޓީސީސީއަށް އެކަނި ބަލައިލިއަސް ސަރުކާރު ހިއްސަވާ ކުންފުނިތަކުގެ ހާލަތު އޮތްގޮތް ސާފުވާނެކަމަށެވެ. ވެރިކަމާއި ހަވާލުވިއިރު އެމްޓީސީސީ އޮތީ ހަތަރު ސަތޭކަ މިލިޔަނުން ދަރަނިވެރިވެފައިކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އެމްޓީސީސީގެ ޙާލަތު ރަނގަޅުކުރުމަށް ބޮޑެތި ގިނަ މަޝްރޫޢުތަކެއް އެކުންފުންޏާ ހަވާކުކުރެވިފައިވާކަމަށާ، މީގެ ބޭނުމަކީ ކުރިއަށް އޮތް 2 އަހަރުދުވަހުގެ ތެރޭގައި ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ، ދަރަނިން ސަލާމަތްވެފައިވާ ކުންފުންޏަކަށް ހެދުންކަމަށް މިނިސްޓަރަ އަމީރު ވިދާޅުވިއެވެ.

ކުންފުނިތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި މިހާރު އަމަކުރަމުންދާ ޕްރޮކިއުމަންޓް ނިޒާމަށް ބަދަލު ގެނައުމާއި ކޯޕަރޭޓް ގަވަނެންސް ކޯޑަށް ބަދަލުގެނައުމުގެ އިތުރުން ކުންފުނިތައް ހިންގުމުގައި ޢަމަލުކުރާ ގޮތްތަކާއި، ހިންގާ މަޝްރޫޢޫތައް ދެފުށްފެންނަ ގޮތަކަށް ހިންގުމަށް އަންގާފައިވާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.