ވިޔަފާރި

އެއަރޕޯޓް ސަރވިސް ޗާޖާއި ޑިވެލޮޕްމަންޓް ފީ ދިވެހިންނަށް ބޮޑުކުރުމުގެ ވިސްނުމެއްނެތް - ފިނޭންސް


ދިވެހިންގެ އަތުން ނަގާ އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމުގެ ވިސްނުމެއްނެތްކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ބަޖެޓް 2020" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ މިހާރުވެސް ނަގާ ފީއެއްކަމަށެވެ. އަންނަ އަހަރު މި ފީބޮޑުކުރާއިރު ދިވެހިންގެ އަތުން ޓެކްސް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށްވެސް އަރުޝަދު ވިދާޅުވިއެވެ. މިފީ ބޮޑުވެގެންދާނީ ރާއްޖެއިން ބޭރުން އަންނަ ފަސިންޖަރުންނަށެވެ. އޭގެތެރެއިންވެސް ބޮޑަށް އަމާޒުކޮށްފައިވަނީ ބިޒްނަސް ކްލާހާއި ފަސްޓް ކުލާސް އަދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކަށެވެ.

"ދިވެހިންއަތުން މިފީ ބޮޑުކުރާ ވިސްނުންތަކެއްނެތް މިވަގުތަކު. ބޮޑަށް ޓާގެޓްވެގެންމިދަނީ ސީދާ އިންޓަނޭޝަނަލް ފަސިންޖަރުންނަށް. އިކޮނޮމީ ކުލާހަށްވުރެ ބޮޑަށް އަމާޒުވަނީ ބިޒްނަސް ކުލާސް، ފަސްޓް ކުލާސް އަދި ޙާއްސަކޮށް ޖެޓްތަކަށް." އަރުޝަދު ޖަމީލް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2020ވަނަ އަހަރުގެ ބަޖެޓުގައި އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން ބިޒްނަސް ކްލާހުގައި ދަތުރުކުރާ މީހުންނާއި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 60 ޑޮލަރެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 90 ޑޮލަރެވެ.

މީގެ އިތުރުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރު ނެގުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގަމުންދާނީ މިހާރުވެސް ނަގަމުންދާ ޢަދަދަށެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ނަގަމުން ދަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ. އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.

އެއަރޕޯޓް ސަރވިސް ޗާޖަކީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ނަގާ ފީއެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަކީ، އެ އެއަރލައިނެއްގެ ޒިންމާއެކެވެ. ޗާޓަރު ފްލައިޓަކުން ނުވަތަ ޕްރައިވެޓް ޖެޓަކުން ފުރާ ފަސިންޖަރުން އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަކީ، އެ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާ އެއަރޕޯޓެއްގެ ޒިންމާއެކެވެ.