ޚަބަރު

ޓެންޑާ ކުރުމުގެ އުސޫލަށް ބަދަލުގެންސް، ދިވެހިންނަށް ފުރުސަތު ފަހިކުރަނީ


ރާއްޖޭގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ޚާއްސަ ކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޙާލަތާއި، ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.

މިމަސައްކަތް މިމަހުގެ ތެރޭގައި ނިންމައި ދިވެހި ކުންފުނިތަކަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތައް ޚާއްސަކޮށް ޓެންޑަރިން ޕްރޮސަސްއަށް ބަދަލު ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި ތިރީސް ހަތެއް ޕޮއިންޓު ފަހެއް ބިލިއަން ރުފިޔާގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ދިހައެއް ޕޮއިންޓު އެކެއް ބިލިއަން ރުފިޔާ ހަމަޖައްސާފައިވެއެވެ. އޭގެ ތެރެއިން ވަކި އަގުތަކެއްގައި ހުންނަ މަޝްރޫއުތައް ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެންޑަރިން ޕްރޮސަސްއަށް މިގެނެވޭ ބަދަލާއިއެކު ރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން މިބަދަލު ގެނައުމުގެ އެންމެ ބޮޑުބޭނުމަކީ ރާއްޖޭގައި ހުރި ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށްވެސް ކުރެވޭ މަސައްކަތްތައް ބޭރުގެ ފަރާތްތަކާ ޙަވާލުކޮށް އެފަރާތްތަކަށް އޭގެ ފައިދާލިބުމުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް އެފައިދާ ލިބޭނެ ގޮތްހެދުމަށްކަމަށެވެ.

މިބަދަލާއެކު، ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭނެ ޕްރިޖެޓްތަކާއި ޖޮއިންޓް ވެންޗަރ ހެދިގެން ކުރިމަތިލެވޭ ޕްރޮޖެކްޓްތަކާއި، އިންޓަރނޭޝަނަލަށް ޓެންޑަރިންނަށް ހުޅުވާލައިގެން ކުރިމަތިލެވޭ ޕްރޮޖެކްޓްތައް ވަކި ކުރެވިގެންދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދިވެހި ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލުތަކެއް އެކުލަވާލަން މަސައްކަތް ކުރަމުންދާއިރު، އަންނަ އަހަރާ ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ހޭދަކުރަން ހުށަހަޅާފައިވާ ބަޖެޓަކީ މިހާތަނަށް ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.