ޚަބަރު

60%އަށް ޔުރޭނިއަމް ފައްކާކުރުމުގެ ޤާބިލުކަން އީރާނަށް ލިބިގެންވޭ: އީރާނު


60%އަށް ޔުރޭނިއަމް ފައްކާކުރުމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާކަމަށް އީރާނުގެ އެޓޮމިކް ހަކަތައާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.

އީރާނުގެ އެޓޮމިކް ހަކަތައާބެހޭ ޖަމުޢިއްޔާގެ ތަރުޖަމާނު ބެހްރޫޒް ކަމަލްވާންޑީ ވިދާޅުވީ އެ ޖަމާޢަތަށް %5، %20 އަދި %60އަށް ޔުރޭނިއަމް ފައްކާކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށެވެ. އެހެންނަމަވެސް މިވަގުތަށް ބޭނުންވަނީ %5އަށް ޔުރޭނިއަމް ފައްކާކުރަންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ބުރާސްފަތި ދުވަހު ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ މައްސަލައިގައި 2015ވަނަ އަހަރު އެ ޤައުމާ ދުނިޔޭގެ ބާރުތަކާ ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުމާ ޚިލާފަށް އީރާނުން އެ ޤައުމުގެ ފަރްޑޯ ނިއުކްލިއަރ ޕްލާންޓްގައި ޔުރޭނިއަމް ފައްކާކުރުމުގެ މަސައްކަތްކުރަން ފަށާފައިވާކަމަށެވެ. އަދި މި ހަފުތާގެ އާދިއްތަ ދުވަހު ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާބެހޭ އިދާރާގެ އިންސްޕެކްޓަރުން އެތަން ބަލާ، ފާސްކުރަންދާނެކަމަށްވެސް އީރާނުންވަނީ ބުނެފައެވެ.

އީރާނުން މިހެން ބުނެފައިވާތީ ވިލާތުގެ ބާރުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.