 
										
			ރާއްޖޭގެ ރީޖަނަލް އެއަރޕޯޓުތައް ތަރައްޤީކުރުމަށް 115 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފިއެވެ. 
2020 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕީއެސްއަޕީ ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ހިންގަމުންދާ 5 އެއަރޕޯޓެއް ތަރައްޤީކުރުމަށް ވަނީ ފައިސާ ހިމަނާފައެވެ.
		
			
މިއީ ޖުމްލަކޮށް ބަލާނަމަ، 115،941،485 ( ސަތޭކަ ފަނަރަ މިލިއަން ނުވަސަތޭކަ ސާޅީސް އެއް ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ) އެވެ. 
އަންނަ އަހަރު އަލަށް ތަރައްޤީކުރާ އެއާޕޯޓުތަކުގެ ތެރޭގައި ބަޖެޓުގައި ހިމަނާފައިވަނީ މ. މުލީ އެއާޕޯޓެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާއެއްގޮތަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި މ. މުލީ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާކުރުމަށް 1 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ޓެންޑަރ ކޮށްގެން ކުރިއަށްގެންދާ މަސައްކަތް ރާވާފައިއޮތީ 2021 ވަނަ އަހަރަށެވެ. 
ރީޖަނަލް އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ އެއާޕޯޓެއް 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ. ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ހުރިހާ އެއާޕޯޓުތަކެއް ބަޖެޓުގައި ހިމަނާފައި ނުވި ނަމަވެސް ސަރުކާރަށް ލިބޭ ދަރަނީގެ ތެރެއިން މި އެއާޕޯޓުތައް ތަރައްޤީކުރެވިގެންދާނެކަމަށެވެ. 
އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި ކާނޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ އަހަރުގެ ތެރޭގައި ތަރައްޤީކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. 
އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ވައިގެ ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރުޢުތަކެވެ. މި މަސައްކަތުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލް އާއި ރަންވޭ އެޅުމުގެ މަޝްރުޢުއަށް 852.9 މިލިއަން ރުފިޔާ ބަޖެޓުން ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.