ކުޅިވަރު

އެންމެ ބޮޑު ގޮންޖެހުމަކީ އެކަނި ބެންޗުގައި އިންނަން ޖެހުން - ފައިސަލް


ބެންޗުން ނުފެނުނު ކަމުގައިވިޔަސް ޓީމް ކުރިއަށްދަނީ އަދީލް ކޯޗުގެ ފުރިހަމަ ލީޑަރޝިޕްގެ ދަށުން ކަމަށާއި، ކުރިއަށް އޮތް މެޗަށް އަދީލް ކޯޗުގެ އިރުޝާދާއިއެ އެއްގޮތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ފައިސަލް ބުނެފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބަރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އާއި ދެކޮޅަށް ނިކުންނައިރު، ކޯޗް ފައިސަލް ބުނީ، މުބާރާތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މެޗުތަކުގައި ބެންޗުގައި އެކަނި އިންނަންޖެހުން ކަމަށާއި، މެޗުގެ ތެރޭގައި ނިންމަންޖެހޭ ނިންމުންތައް އެންމެ ރަނގަޅު ދަނޑިވަޅުގައި ނަގަން އުނދަގޫވާކަމަށެވެ. ނަމަވެސް ޓީމު ކޯޓުމަތީގައި ދައްކާ މޮޅު ކުޅުމުގެ ފަހަތުގައި އަދީލް ކޯޗުގެ ނަން ފާހަގަކުރަންޖެހޭކަމަށް ފައިސަލް ބުންޏެވެ. އެގޮތުން ކުރިއަށް އޮތް މެޗަށްވެސް އަދީލް ކޯޗުގެ އެއްބާރުލުމާއިކު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، އަމާޒަކީ މިއަދުގެ މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމަށް ކުރާ މަސައްކަތް ކާމިޔާބުކުރުން ކަމަށްވެސް ކޯޗް ފައިސަލް ބުންޏެވެ.

"އަސްލު ދިމާވާ އެންމެ ބޮޑު އުނގަދުލަކީ އެކަނި ބެންޗުގަ ނިންނަންޖެހުން، އެހެންވެ ނަގަންޖެހޭ ޑިސިޝަންތަށް އެންމެ ރަނގަޅަށް ނުނެގިވެސްދޭ، އެކަމު ބެންޗުގަ އެކަނި އިނަސް ހުރިހާ ވަގުތެއްގައިވެސް ބޭބެ ކޯޗުގެ އެއްބާރުލުން ލިބޭ ވަރަށް ބޮޑަށް، މިޓީމް މި ދައްކާ މޮޅު ކުޅުމުގެ ފަހަތުގަ ބޭބެ ކޯޗުގެ ހިއްސާ ވަރަށް ބޮޑު، މިއަދުގެ މެޗައްވެސް ބޭބެ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމް އޮތީ ވަރަށް ތައްޔާރުވެގެން" ފައިސަލް ބުންޏެވެ.

ޤައުމީ އަންހެން ވޮލީ ޓީމް މި މުބާރާތަށް ތައްޔާރުކުރި އަހުމަދު އަދީލް ބުނީ، ފައިސަލް ކޯޗު އެކަނި ބެންޗުގައި އިންނަން ޖެހުމުން މެޗުގެ ތެރޭގައި އުނގަދޫތަކަކާއި ކުރިމަތިލާން ޖެހޭކަމަށާއި، ނަމަވެސް އިއްޔެގެ މެޗަށްފަހު ފައިސަލް ކޯޗާއިއެކު، ޓިމަށް ހެދުުނު ގޯސްތައް ބަލައި ޓީމް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މިއަދުގެ މެޗަކީ މެޑަލްއެއް ހޯދަން ބަލާއިރު ވަރަށް މުހިންމު މެޗެއް ކަމަށާއި، މިއަދުގެ މެޗަށް ޓީމް ނިކުންނާނީ ސީދާ ތިން ސެޓުން މޮޅުވާންކަމަށްވެސް އަދީލް ބުންޏެވެ.

"ވަރަށް ބޮޑަށް އުނދަގޫ މެޗުގެ ތެރޭގަ ޓިމަށް އިރުޝާދުދީ ހަދަން ދުރުގަ އިންދެގެން، އެކަމު މެޗު ނިންމާފައި ހެދުނު ގޯސްތަށް ބަލައި މިހާރު ޓިމް އެއްކޮށް ތައްޔާރުވެފައި. މިއަދުގެ މެޗަކީ ވަރަށް މުހިންމު މެޗެއް، މިމެޗުން މޮޅު ވެވިއްޖެއްޔާ ގާތްގަނޑަކަށް އަމާޒަށް ވާސިލްވާން 85އިންސައްތަ ކަވާކުރެވުނީ" އަދީލް ބުންޏެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މިއަދު ރާއްޖެގަޑިން 2 ޖަހާއިރު ޓީމް ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ކަަމަށްވާ ބަންގްލަދޭޝް އާއި ދެކޮޅަށެވެ.