ކުޅިވަރު

ކޭމްޕްގެ ސަބަބުން ކުޅުން ރަނގަޅު ކުރަން އައު ކަންތައްތަކެއް ދަސްވެއްޖެ: ހައުމާ


ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރި ޓްރެއިނިންތަކުގެ ސަބަބުން އައު ކަންތައްތަކެއް ދަސްވެއްޖެކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ހައުމާ ޢުބައިދުﷲ ބުނެފިއެވެ.

މިމަހުގެ 1 އިން 10 ގެ ނިޔަލަށް ތައިލެންޑްގައި ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ ކޭމްޕްކޮށްފައެވެ. މި ޓްރެއިނިންގ ކޭމްޕްގައި 3 މެޗު ކުޅެފައިވާއިރު ތައިލެންޑްގެ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި އެއްކޮށްވެސް ވަނީ މެޗެއް ކުޅެފައެވެ.

ކޭމްޕާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހައުމާ ބުނީ، ޤައުމީ ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކުރި ކޭމްޕަކީ ކުރިޔަށް އޮތް ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، ކޭމްޕްގެ ސަބަބުން ޓީމަށް ތަޖުރިބާ ލިބިއްޖެކަމަށެވެ. ހައުމާ ބުނީ، ޓްރެއިނިންގ ކޭމްޕްގައި ތައިލެންޑްގެ ޤައުމީ ޓީމާއެކު މެޗެއް ކުޅެ ޓްރެއިނިންގ ސެޝަންއެއް ކުރިޔަށްގެންދެވުމުން ޓީމަށް އޭގެ ފައިދާކުރިކަމަށެވެ. އަދި މި ކޭމްޕްގައި ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރިކަމަށާއި، ކޯޗުވެސް އެކަން ފާހަގަކުރިކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މި ކޭމްޕަކީ ޤައުމީ ބާސްކެޓްބޯޅަ ޓީމަށް ކުރިޔަށްއޮތް މުބާރާތައް ތައްޔާރުވެލަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް. ދެން ވަރަށް ބޮޑު ތަޖުރިބާއެއް މި ކޭމްޕް މިއި. މި ކޭމްޕްގައި އަޅުގަނޑުމެނަށް މިތާގެ ޓީމުތަކާއި އެއްކޮށް ކުޅެލަން ފުރުސަތު ލިބި އަޅުގަނޑުމެނަށް އޭޒްއަ ޓީމް ވަރަށް ގިނަ ކަންކަން އިމްޕްރޫވް ވެގެންދިޔަ" ހައުމާ ބުންޏެވެ.

ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ތައިލެންޑްގައި ކޭމްޕްކުރިއިރު މިދިޔަ މަހު ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމު ވަނީ ސިންގަޕޫރުގައި ކޭމްޕްކޮށްފައެވެ. އަދި އަންނަ މަހު ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްގެ ކުރިން ޤައުމީ އަންހެން އަދި ފިރިހެން ޓީމު ޗައިނާގައިވެސް ކޭމްޕްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ.