ޚަބަރު

ސިއްޙީ ފަރުވާހޯދުމަށް ޤައުމުން ބޭރަށްވަޑައިގަތުމުގެ ހުއްދަ ނަވާޒް ޝަރީފަށް ދޭނަން: ޕާކިސްތާނުގެ ޚާރިޖީ ވަޒީރު


އިނގިރޭސިވިލާތުން ސިއްޙީ ފަރުވާހޯދުމަށް ޤައުމުން ބޭރަށްވަޑައިގަތުމުގެ ހުއްދަ ކުރީގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފަށް ދޭނެކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ރޮއިޓަރސްއަށް ދެއްވި ބަސްދީގަތުމެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ޤުރައިޝީ ވިދާޅުވީ ނަވާޒް ޝަރީފުގެ ހާލުކޮޅު މިހާރު ހުރިގޮތުން އޭނާއަށް ބޭރުން ފަރުވާ ބޭނުންވާކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާކަމަށާ އެ ލަފައަށް ރިޢާޔަތްކޮށް ފަރުވާއަށް ޤައުމުން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނަވާޒް ޝަރީފަށް ދިނުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ފަރުވާހޯދުމަށް ޤައުމުން ބޭރަށް ވަޑައިގަތުމަކީ ކޮރަޕްޝަނުގެ މައްސަލައިން ފިއްލެވުމަށް ކުރައްވާކަމަށް ނުހެއްދެވުމަށް ނަވާޒް ޝަރީފަށް އިންޒާރުކުރައްވާފައިވާނެކަމަށް ގުރައިޝީ ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ކުށް ސާބިތުވެގެން 7 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވާ ނަވާޒް ޝަރީފް މީގެ 2 ހަފުތާކުރިން ލާހޯރުގެ ސާވިސަސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖަލުގައި ފަރުވާދެނިކޮށް ހިތް ހުއްޓުމުގެ މައްސަލައެއް ކުރިމަތިވެގެންނެވެ. އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 2 ހަފުތާގެ މުއްދަތަށް ފަރުވާ ދިނުމަށްފަހު ޑޮކްޓަރުން އެދިފައިވާގޮތަށް ނަވާޒް ޝަރީފުގެ ގެކޮޅުގައި ޚާއްސަ އިންޓެންސިވް ކެއަރ ޔުނިޓެއް ތައްޔާރުކުރުމަށްފަހު ބުރާސްފަތި ދުވަހު އޭނާވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ.

މިހާތަނަށް ޕާކިސްތާނުގައި 3 ފަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ މަޤާމު ގެއްލުނީ 2017ވަނަ އަހަރުގެ ޖުލައި މަހު ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.