ސިޔާސީ

މިނިސްޓްރީތަކުން ކުރަމުން އައި 90 ކަމެއް ކައުންސިލްތަކަށް!

ލޯކަލް ކައުންސިލްތަކަށްދޭ މަލީ ބާރުވެރިކަމާއެކު، މިނިސްޓްރީތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަޝްރޫޢުތަކާ ގުޅުންހުރި 90 އަށްވުރެ ގިނަ މަސައްކަތް ކައުންސިލްތަކުން ކުރާގޮތަށް، ބަދަލުވާނެކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ދައުލަތުގެ ބަޖެޓް 2020" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓާރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ، ކައުންސިލްތައް މަލީ ގޮތުން ބާރުވެރިވެގެން އަންނައިރު ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައްކަމަށްވާ، ޕީއެސްއެސްއައިޕީގެ ދަށުން ހިންގާ ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ކައުންސިލްތަކުން ހިންގުމަށް ހަމަޖެހޭނެކަމަށެވެ.

މިހާރު މިނިސްޓްރީތަކުން ހިންގާ މުނިސިޕަލް ހުރިހާކަމެއް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުވާނެކަމަށާ، އެއާއެކު ފަސް މިލިއަން ރުފިޔާއިން ދަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކުރާނެކަމަށް އާދަމް ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގެ މަޝްވަރާއާއެކު ހުރިހާ މިނިސްޓްރީތަކާ މަޝްވަރާކުރައްވައި، އެމިނިސްޓްރީތަކުން ހިންގާ މަޝްރުޢުތަކުގެ މަސައްކަތުގެ 90 ވުރެ ގިނަ މަސައްކަތް ކައުންސިލްތަކުން ކުރާގޮތަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތަކަށް ލިބޭ ދައުލަތުގެ ބަޖެޓްގެ ބްލޮކް ގްރާންޓްގެ %5 އަކީ އެކައުންސިލްތަކަށް އިތުރުވާ %5 މަސައްކަތް. އެހެން ނޫނީ ވަރަށް ބޮޑަށް ޑުބްލިކޭޓްވާނެ މިނިސްޓްރީތަކުންވެސް ކުރަންޏާ. މިނިސްޓްރީތަކުން ކުރަންޖެހޭ ޙާލަތެއް މެދުވެރިނުވާނެ، އެރޭންޖްމަންޓްތަކެއް މިހާރު ހަދަމުން މިދަނީ." އާދަމް ޝަރީފް އަޙްމަދު ވިދާޅުވިއެވެ.

އާދަމް ވިދާޅުމީ މާލީ ގޮތުން ބޮޑު ބަދަލުތަކެއް ކައުންސިލްތަކަށް އަންނާނެތީ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލްތަކަށް ބާރުއެޅުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން އެކަމަށް ޚާއްޞަ މަސައްކަތު ބައްދަލުވުންތައްވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކޮންމެ ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްއެއް ޢައްޔަންކޮށް، އިތުރަށް ކައުންސިލްތައް ޒިންމާދާރު ކުރުވޭނެކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރާއިރު ސަރުކާރުގެ ފަރާތުންވަނީ ލާމަރުކަޒީ ޤާނޫނަށްވެސް ބޮޑެތި އިޞްލާޙުތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި، ކައުންސިލްތަކަށް ދޭ ހިލޭއެހީގެ ޖުމްލަ މިންވަރު ޑޮމެސްޓިކް ރެވެނިއުގެ %5 އަށް އިތުރުކުރުމާއި ރަށްރަށުގެ ބިމާއި ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 ކައުންސިލްތަކަށް ލިބޭގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެގޮތުގައި ލިބޭ މުޅި ޢާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ ޢާމްދަނީގެ ގޮތުގައި ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން ރަށުކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށް 3.8 މިލިއަންއާއި 33 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ ލިބޭނެއެވެ.