ޚަބަރު

ޤާޟީ ހައިލަމަށް ނުފުޒުފޯރުވިކަން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެއްނުވޭ


ރައީސް ޔާމީންގެ މައްސަލާގައި ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ބައެއް އޮފިޝަލުން މަސައްކަތްކުރެއްވިކަމަށް ޤާޟީ ހައިލަމް ވިދާޅުވިޔަސް، އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހުންނަށްވެސް އަދި ޖޭއެސްސީއަށްވެސް ހުށަހަޅާއިނުވާކަމަށް އެދެއިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގެ ތުހުމަތު އުފެދުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި މީސްމީހުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވިކަމަށް ޤާޟީ އަޙްމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ.

ޤާޟީން ބައްލަވަމުންދާ މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާ، ވަކިގޮތަކަށް ޙުކުމް ކުރުމަށް އިރުޝާދުދޭނަމަ އެމައްސަލައެއް ޖޭއެސްސީއަށް ހުށަހެޅަންޖެހެއެވެ. މިކަމާގުޅިގެން ޖޭއެސްސީގެ ނައިބްރައީސް މަސްތޫރު ޙުސްނީ ވިދާޅުވީ ކޮންމެ ފަޑިޔާރަކާ ދޭތެރޭވެސް ޖޭއެސްސީން ޢަމަލުކުރާނީ އޮންނަ އުސޫލުތަކާ އެއްގޮތަށްކަމަށެވެ. ޤާޟީ ހައިލަމްގެ މިމައްސަލަޔަކީ ސީރިއަސް އަދި ހިނގާފައިވާ މައްސަލައެއްނަމަ ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ނަމަވެސް މިފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހައިލަމް ޖޭއެސްސީއަށް ހުށަހަޅުއްވާފައިނުވާކަށް މަސްތޫރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހައިލަމްގެ ތުހުމަތުތަކަކީ ޖިނާއީ ގޮތުންވެސް ބަލޭނެ ތުހުމަތުތަކެއްކަމަށްވުމުން އެމައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް ހުށަހެޅުމުގެ އިޚްތިޔާރު ހައިލަމަށް ލިބިގެންވާކަމަށެވެ. މިކަމާގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޝަރީޢަތަކަށް ނުފޫޒު ފޯރުވި މައްސަލައެއްވެސް އަދި އެހެން ކަމެއްގައިވެސް ހައިލަމްގެ ފަރާތުން އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގެ ހުކުމަށް ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ހައިލަމް ވިދާޅުވިނަމަވެސް މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވީ ކޮންބޭފުޅެއްކަމެއް އަދި ކޮންމަޤާމެއްގައި ހުންނެވި ބޭފުޅެއްކަމެއް ވިދާޅުވެފައިއެއްނުވެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޤާޟީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ޕޯސްޓްކުރި ފޮޓޯއެއްގެ މައްސަލާގައި ޖޭއެސްސީންވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. އަދި މިމައްސަލާގައި އޭނާ ޖަވާބުދާރީވުމަށް ޖޭއެސްސީއަށް ވަޑައިގެންނެވުމަށް އެންގެވުމުންވެސް ވަޑައިގެންފައެއްނުވެއެވެ.