ވިޔަފާރި

ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހުރިހާ ރަށެއްގެ ޕެނޯރަމާ ފޮޓޯ ނަގަނީ


ރާއްޖޭގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހުރިހާ ރަށެއް ޕެނޯރަމާކޮށް ފޮޓޯ ނެގުމަށް ލިމްކޮކްވިންގ ޔުނިވާސިޓީއާ ޙަވާލުކޮށްފިއެވެ.

މިކަން ކުރުމަށް ލިމްކޮކްވިންގ ޔުނިވާސިޓީއާ ޙަވާލުކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ލިމްކޮކްވިންގ ޔުނިވާސިޓީއާދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން މުހިއްމު 10 ކަމެއް ކުރުމަށް ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ރިސޯޓު މުވައްޒަފުން ތަމްރީނުކުރުމާއި ރާއްޖޭގެ ރަށްތައް ޕްރޮމޯޓުކުރުމަށްޓަކައި ހުރިހާ ރަށެއްގެ ޕެނޯރަމާ ފޮޓޯ ނެގުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފޮޓޯ މިފަދަ ގޮތަކަށް ނެގުމީ ރާއްޖެ އެތަށް ގޮތަކުން އިސްތިހާރު ވެގެންދާނެކަމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލިމްކޮކްވިންގް ޔުނިވާސިޓީއާ ޙަވާލުކޮށްގެން މި މަސައްކަތް ކުރަން ނިންމީ އެޔުނިވާސިޓީއަކީ މުޅި އޭޝިއާގައިވެސް އެންމެ އުފެއްދުންތެރި ޔުނިވާސިޓީކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ އެންމެ ބޮޑު ޕެނޯރަމާ ފޮޓޯއަކީ ލިމްކޮކްވިންގ ޔުނިވާސިޓީގެ ފޮޓޯއެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީއަކީ ދުނިޔޭގަވެސް އަދި އޭޝިއާގަވެސް އެންމެ އިނޮވޭޓިވް އަދި އެންމެ ކްރިއޭޓިވް ޔުނިވާސިޓީ. މިހާރުވެސް ދުނިގޭގެ ގިނިސް ވޯލްޑް ރިކޯޑުގައި މި ބޭފުޅުންގެ ޕެނަރޯމާ ފުޓެޖްއެއް އެބަ އިންދޭ ކުއަލަލަމްޕޫރުގެ މުޅި ސިޓީ ޕެނަރޯމާކޮށް ނަގާފައި. މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން ކުރާނެ ވަރަށް މުހިއްމުކަމެއް މިއީ ރާއްޖޭގެ ކޮންމެ ރަށެއް ޕެނަރޯމާކޮށް ގެނެސް އެރަށަށް އަރާއިރު ފަތުރުވެރިއަކު ވިޔަސް ދިވެހިންނަށް ވިޔަސް މުޅި ރަށް ފެންނާނެ އެއް މަންޒަރުން. މި މަސައްކަތްކުރުމުގައި ވެސް އަޅުގަނޑުމެންނަށް ލިމްކޮކްވިންގގެ އެހީތެރިކަން ލިބިގެންދާނެ." މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ލިމްކޮކްވިންގ ޔުނިވާސިޓީން 2016ވަނަ އަހަރު ނެގި ކުއަލަލަމްޕޫރް ސިޓީގެ ޕެނޯރަމާ ފޮޓޯ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަހޯދާފައެވެ. މި ފޮޓޯއާއެކު ކުއަލަލަމްޕޫރަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވެ ކުއަލަލަމްޕޫރްގެ މަޤްބޫލުކަން އިތުރުވެގެން ވެސް ދިޔައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްކުރަމުންނެވެ. އެގޮތުން 2020ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާގައިވާ ބަޖެޓުގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެކަނިވެސް 154 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.