ޚަބަރު

ޙަވާލުނުކޮށްހުރި ހައުސިންގ ޔުނިޓްތައް މިހަފްތާގައި ހަވާލުކޮށް ނިމޭނެ - ހައުސިންގ


ސަރުކާރުން ތަރައްޤީކޮށް ޙަވާލުނުކޮށް މިހާތަނަށްހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 1 ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ހަވާލުކޮށް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވީ އާ ސަރުކާރުން ހަވާލުވިއިރު ގިނަ ރަށްތަކެއްގެ ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތްތައް ނުނިންމައި ހުރިކަމަށާ، އަދި ނިމިގެން ހަވާލުނުކޮށްވެސް ހުރިކަމަށެވެ.

ގިނަ ރަށްތަކުގައި ހަދަން ފަށާފައިވާ ހައުސިންގ ޔުނޓްތަކުގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ މަސައްކަތްތައް ހުރީ ނުނިންމައެވެ. އަދި މަސައްކަތް ނުނިމި ގިނަ ދުވަސް ވުމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅާއި ތަށިމުށިތަކަށް ގެއްލުންވުން ފަދަ ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

ސަރުކާރުންދަނީ މިގޮތަށް ރަށްރަށުގައި މަސައްކަތް ނުނިންމައި، އަދި ހަލާކުވެފައިހުރި ހައުސިންގ ޔުނިޓްތައް ނިންމައި އޭގެ ޙައްގުވެރި ފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެތެރޭގައި ހއ.ދިއްދުއާއި ކުޅިދުއްފުއްޓާއި ފުވައްމުލަކާއި ހުވަދުއަތޮޅާއި އައްޑޫގައި ފަށާފައިވާ ހައުސިންގ މަޝްރޫޢުތައް ހިމެނެއެވެ.

ފްލެޓްތަކަށް މީހުން ހޮވުމުގައި އޮޅުވާލުންތައް ހުރި ކަމަށްބުނެ ސަރުކާރުން އަލުންވަނީ ހުރިހާ ރަށެއްގެވެސް ފްލެޓާއި ހައުސިންގ ޔުނިޓް ލިބުނު މީހުންގެ ލިސްޓްތައް ރިވިއުކޮށްފައެވެ. މިމަސައްކަތް ކޮށްފައިވަނީ ރަށުގެ ކައުސިލްތަކާއި ހައުސިންގ މިނިސްޓްރީ ގުޅިގެންނެވެ. އަދި މިހާރުވަނީ ހުރިހާ ރަށްތަކެއްގެވެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިޢުލާންކޮށްފައެވެ.

ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާމިން ވިދާޅުވީ މިހާރު ކުރަމުންދަނީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިނިމުނު ހަފްތާގައިވަނީ ހޯޑެއްދޫއާއި މަޑަވެލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތަކާއެކު ސޮއިކޮށްފައެވެ. މިހާރު އެގްރިމެންޓްގައި ސޮއިނުކޮށްވާ ހަމައެކަނި ރަށަކީ ގދ.ތިނަދޫގައި އަޅާފައިވާ 120 ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއެކުއެވެ. މި ފަރާތްތަކާއިއެކު މި ހަފްތާގެ ތެރޭގައި ސޮއިކުރާނެކަމަށް ޝާމިން ވިދަޅުވިއެވެ.

އައްޑުއާއި، ފުވައްމުލަށް އަދި ލ.އަތޮޅުގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައް ލިބުނު މީހުންނާއެކުވެސް މިހާރުވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ޝާމިން ވިދާޅުވީ މީގެތެރޭގައި ދިމާނުވެގެން އެއްބަސްވުމުގައި އަދި ސޮއިނުކުރެވިތިބި ބައެއް ފަރާތްތައް ތިބިކަމަށެވެ. މިފަދަ ފަރާތްތަކަށް ރަށު ކައުންސިލުންނާއި، އަދި މާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އޮފީހުންވެސް ސޮއި ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ޝާމިން ވިދާޅުވިއެވެ.

ސަރުކާރުގެ ޢަމާޒަކީ މިގޮތަށް ކުރީ ސަރުކާރުން ނުނިންމާ އަދި ހަވާލުނުކޮށްހުރި މިފަދަ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާ ހަވާލުކުރުމަށެވެ.