ޚަބަރު

ވަރުގަދަ ކިރިގިސްތާން ބަލިކޮށް ރާއްޖެ، ފެށުން ރަނގަޅުކޮށްފި


އޭވީސީ ސެންޓްރަލްޒޯން ސީނިއާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން، ވަރުގަދަ ކިރިގިސްތާން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއީ ރާއްޖެ އަންހެނުންގެ ޤައުމީޓީމުން ކިރިގިސްތާން ބަލިކުރި ފުރަތަމަ ފަހަރުކަން ފާހާގަކޮށްލެވެއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5 ސެޓަށް ގޮސްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 26-24 އިންނެވެ. މިސެޓްގައި ރާއްޖޭގެ ޓީމުން ގިނަވަގުތު ކުޅެފައިވަނީ ލީޑްގައި އޮވެގެންނެވެ. ދެވަނަ ސެޓުން ރާއްޖެ ބަލިވީ 22-25 އިންނެވެ.

މިސެޓުގައި ރާއްޖެއަށް ލީޑްނެގުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަނަމަވެސް ލީޑުނެގުމަށް ލިބުނު ފުރުސަތުގެ ބޭނުން ރާއްޖޭގެ ޓީމަށްވަނީ ހިފޭގޮތް ނުވެފައެވެ. ޖެހިގެން އައި ތިންވަނަ ސެޓް ރާއްޖެއަށް ގެއްލުނީ މެޗްގެ ކުރީކޮޅުގައި ގިނަ މިސްޓޭކްތަކެއް ހެދުމުގެ ސަބަބުންނެވެ. 14-25އިން ތިންވަނަ ސެޓް ރާއްޖެއަށް ގެއްލުމާއެކު، 4ވަނަ ސެޓްއަށް ރާއްޖޭގެ ޓީމުން ނިކުމެފައިވަނީ ވަރަށް ހިތްވަރާއެކުއެވެ.

މެޗްގެ ހަތަރުވަނަ ސެޓްގައި ރާއްޖޭގެ ޓީމުން ކުޅެފައިވަނީ ގިނަ ވަގުތު ލީޑްގައި އޮވެގެންނެވެ. އަދި ކުރިން ސެޓްތަކުގައި ހެދި މިސްޓޭކްތައް 4ވަނަ ސެޓްގައި މަދުކަންވެސް ފާހަގަކޮށްލެވެއެވެ. މިސެޓް ރާއްޖެއިން ކާމިޔާބުކުރީ 25-18އިންނެވެ. މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 15-10އިންނެވެ. 5ވަނަ ސެޓްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗްގެ މޮޅު ކުޅުންތެރިޔާ ހައްވާ ރާޝިދާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި މުޅި މެޗްގައިވެސް ހައްވަގެ ކުޅުން ވަރަށްބޮޑަށް ފާހަގަކޮށްލެވުނެވެ.