ކުޅިވަރު

ތައްޔާރުވާން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުނު ، ޓީމް އޮތީ ތައްޔާރަށް - ފައިސަލް


ކުޅުންތެރިން ތިބީ ވަރަށް ޕޮސިޓިވްކޮށް ކަމަށާ، ފަރިތަކުރަން ލިބުނު ފަހު ފުރުސަތުގެ ބޭނުން ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ހިފިކަމަށް އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް މުޙައްމަދު ފައިސަލް ބުނެފިއެވެ.

ބަންގްލަދޭޝްގައި މިއަދު ފަށާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން މުބާރާތުގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކޯޗް ފައިސަލް ބުނީ، ފަރިތަކުރުމެއްނެތި ދެދުވަސް މަޑުކުރުމަށްފަހު މުބާރާތުގެ ކުރިން ޓީމު ހަމައަކަށް އަޅުވާލަން ލިބުނު އެެންމެ ފަހުގެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުނުކަމަށާ، ނަމަވެސް ފަރިތަކުރަން އެންމެ ހިތްހަމަޖެހޭވަރަށް ވަގުތު ނުލިބުނުކަމަށެވެ.

އެގޮތުން ފަރިތަކުރަން އައީ ދެގަޑިއިރުގެ ޕްރެކްޓިސްއަކަށް ރެޑީވެގެން ކަމަށާ، ފަރިތަކުރުންތަކަށް ލިބެނީ އެންމެ ގަޑިއިރެއްކަން އެނގުނީ ސްޓޭޑިއަމަށް އައިފަހުން ކަމަށްވެސް ފައިސަލް ބުންޏެވެ. ފައިސަލްބުނީ އެންމެ ގަޑިއިރެއް ލިބުނުކަމުގައި ވިޔަސް ކުޅުންތެރިން ވަރަށް ރަނގަޅަށް ވަގުތުކޮޅުގެ ބޭނުން ހިފިކަމަށެވެ.

ދެދުވަހުގެ ބްރޭކެއް އައިކަމުގައި ވިޔަސް ކުޅުންތެރިން ވަރަށް ޕޮސިޓިވްކޮށް ތިބި ކަމަށާއި، މިހާރު ހުރިހާ ވިސްނުމެއްވެސް ހުރީ ފުރަތަމަ މެޗަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި ފުރަތަމަ މެޗު ކާމިޔާބުކުރަން ކުރެވެންހުރި ކުރިހާކަމެއް ކުރާނެ ކަމަށް ފައިސަލް ބުންޏެވެ.

"އަސްލު އަޅުގަނޑުމެން އައީ ދެގަޑިއިރުގެ ފަރިތަކުރުމަކަށް ރެޑީވެގެން، އެކަމު އައިފަހުން މި އެނގުނީ ލިބެނީ އެންމެ ގަޑިއިރެއްކަން. ހުރިހާ ކުޅުންރިންވެސް ލިބުނު ވަގުތުކޮޅުގެ ބޭނުން ވަރަށް ރަނގަޅަށް ހިފި" ފައިސަލް ބުންޏެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މަރިޔަމް ޝައްފަ ބުނީ ފުރަތަމަ މެޗުގައި އިދިކޮޅުން ވާދަކުރާ ކިރިގިސްތާނުގެ ކުޅުން މ ރަނގަޅަށް ނޭނގޭ ކަމަށާއި ނަމަވެސް މުބާރާތުގައި ދެން އިދިކޮޅުން ވާދަކުރާ ކޮންމެ ޓީމަކީވެސް މީގެކުރިން ވާދަކޮށްފައިވާ ޓީމުތަށް ކަމަށެވެ. އެހެންކަމުން އެއްގޮތަކުން މިއީ ރާއްޖެއަށް ލިބޭ އެޑްވާންޓޭޖެއް ކަމަށްވެސް ޝައްފަބުންޏެވެ. ޝައްފަބުނީ ފުރަތަމަ މެޗު ކިރިގިސްތާާނާއި ދެކޮޅަށް ވާދަކުރުމުން ރަނގަޅު ފައިޓެއް ދެވިއްޖެނަމަ އެހެން މެޗުތަކަށް ޓީމް ނިކުންނާނީ އައު ހިތްވަރަކާއިއެކު ވަރުގަދަކޮށް ކަމަށެވެ.

"އަސްލު ޑްރޯ އިންގޮތުން އެންމެ ފުރަތަމަ ކުޅެން މީނީ ކިރިގިސްތާނާ، އެއީ އަސްލު ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ކުރިން އަދި އެޓީމާއި ދެކޮޅަށް ނުކުޅެން، އެހެންވީމަ މާ ބޮޑަކަށް ނޭންގް އެޓީމުގެ ކުޅުމެއް. އެކަމު އެމެޗުން ރަނގަޅު ފައިޓެއް ދެވިއްޖާ ވަރަށް ފަސޭހަ ވާނެ ދެންހުރި މެޗުތަކުގަ ވާދަކުރަން" ޝައްފަ ބުންނެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ވާދަކުރާއިރު ދެވަނަ މެޗުގައި ވާދަކުރަންޖޭނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝާ. ތިންވަނަ މެޗުގައި އަފްޣާނިސްތާނާ ދެކޮޅަށް ވާފަކުރަންޖެއިރު ފަހުމެޗުގައި ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.