ޚަބަރު

އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް ފެންނަން އޮތީ މާތް ރަސޫލާގެ ޙަޔާތްޕުޅުން - ރައީސް


އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ މާތް ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަޔާތްޕުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ފޮނުއްވި ތަޙުނިޔާގެ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވަނީ ޢީދު މީލާދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ ފާހަގަކުރަނީ، ވަރަށް މަތިވެރި މަޤްޞަދެއްގައިކަން ވަނީ ފާހަގަކުރައްވާފައެވެ. އެ މަތިވެރި ޛިކްރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، އެކަލޭގެފާނުގެ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތަކާއި އިންސާނީ މުޖްތަމަޢެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ ސިފަތައް، އެކަލޭގެފާނު ޢަމަލީ ގޮތުން ދައްކަވައިދެއްވާފައިވާކަން ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދުކަމަށާއި، އެކަކުއަނެކަކަށް އިޙްތިރާމް ކުރުމާއި، މަޢާފްކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އުންމަތަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީތައްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި ރަސޫލާ ދެއްކެވި އެންމެ މަތީ މިންގަނޑުކަމަށާއި، މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް ކަމަށްވެސް މި ޚިތާބުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މަތިވެރި ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، ހިތްތައް ސާބިތު ކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުމަށްވެސް ރައީސުލް ޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ.