ވިޔަފާރި

މިއަހަރުގެ ބިޒްނަސް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް މޯލްޑިވްސް އައިލެންޑް ރިއަލްޓީ


މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް މޯލްޑިވްސް އައިލެންޑް ރިއަލްޓީ ހަމަޖައްސައިފިއެވެ.
ބްލޭޒަން އިންކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީއެވެ. އަދި މޯލްޑިވްސް އައިލެންޑް ރިއަލްޓީގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިންގ ހުސައިން އާމިރުއެވެ.

މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑް ލޯންޗުކޮށްފައިވަނީ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިސާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށްދޭ އެވޯޑެކެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުން ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުންކަމަށް ބްލޭޒަން އިންކްއިން މައުލޫމާތުދެއެވެ.

މިއަހަރުގެ ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ ބިޒްނަސް އެވޯޑްގައި 5 ދާއިރާއަކުން 26 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބިޒްނަސް އެވޯޑްދޭ 2 ވަނަ އަހަރެވެ.