މަޢުމޫން ފައުންޑޭޝަނުން އިސްނަގައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.
ކުރީގެ ރައީސް، އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަހާ ގުޅުވައިގެން ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މި މުބާރާތަށް ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަމާ ގުޅުންހުރި މަޢުޟޫތަކަށް ޅެން ހެދޭނެކަމަށް އެ ފައުންޑޭޝަނުން ވިދާޅުވިއެވެ.
މި މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، 2 ވަނަ އަށްދާ ފަރާތަކަށް 3،500 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށައަޅާފައެވެ. އަދި 3 ވަނައަށްދާ ފަރާތަކަށް2000 ރުފިޔާގެ ފައިސާގެ އިނާމު ހުށައަޅާފައިވެއެވެ. މީގެ އިތުރުން މުބާރާތަށް ހުށައެޅޭ އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުމެއްދެވޭނެކަމަށްވެސް މައުމޫން ފައުންޑޭޝަނުން ވިދާޅުވިއެވެ.
މައުމޫން ފައުންޑޭޝަނުން ވިދާޅުވީ މުބާރާތުގައި ބައިވެރިކުރާ ޅެންތައް މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން [email protected] އީމެއިލްއަށް ފޮނުވޭނެ ކަމަށެވެ. އަދި މުބާރާތުގެ ގަވާއިދު މައުމޫން ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުތަކުގައި ވަނީ ޕޯސްޓްކޮށްފައެވެ.