ޚަބަރު

"ސްޓެމް ފެސްޓް 2019" ރައީސްގެ އަނބިކަނބަލުން އިފްތިތާހްކޮށްދެއްވައިފި

ވިމެން އިން ޓެކްގެ ފަރާތުން އިންތިޒާމްކުރި "ސްޓެމް ފެސްޓް 2019" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ ފެސްޓިވަލެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި އިފްތިތާޙުކުރި ސްޓެމް ފެސްޓްގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިހުރި ގެޖެޓްތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

މާދަމާގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަޙައްދުގައި ކުރިޔަށްގެންދާ ސްޓެމް ފެސްޓަކީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި މެތެމެޓިކްސްގެ ދާއިރާއިން އުފެއްދުންތައް ދައްކާލުމަށް ކުރިޔަށްގެންދާ ފެސްޓިވަލެކެވެ. އަދި މި ދާއިރާގައި ހަދާފައިވާ މި ފެސްޓިވަލްގައި 20 ފަރާތަކުން ވަނީ ސްޓޯލް ހުޅުވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި އަމިއްލަ ޖަމްޢިއްޔާތަކުންވެސް ބައިވެރިވެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިމެން އިންޓެކްގެ ނައިބު ރައީސް ނިއުމާ ފާއިޒް ބުނީ ސްޓެމްފެސްޓުގެ މައިގަނޑު އަމާޒަކީ ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އާއި މެތަމެޓިކްސްގެ ދާއިރާގައި ހުރި ފުރުޞަތުތަކަކާއި ދިވެހިންގެ އަމިއްލަ އުފެއްދުންތައް ދައްކާލާނެ ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށެވެ. ނިއުމާ ބުނީ ކޮންމެ އަހަރަކުވެސް މިފަދަ ފެސްޓިވަލެއް ބޭއްވުމަށް ގަސްދުކޮށްފައިވާކަމަށެވެ. އަދި މިއަށް ވުރެ ފުޅާ ދާއިރާއެއްގައި އަންނަ އަހަރުގެ ފެސްޓް ބާއްވަން ނިންމާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން މިރޭ މަންސާ ޓޯކްގެ ނަމުގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިޔުމަށްވެސް ހަމަޖެހިފައިވެއެވެ. މި ޓޯކްގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އާއި މެތަމެޓިކްސްގެ ދާއިރާއަށް އޮތް ޑިމާންޑާއި ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ހަތަރަކުން ހަޔަކަށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ.

ވިމެން އިން ޓެކް އަކީ ސައިންސް އާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާއެކެވެ.