ވިޔަފާރި

ކްރޮސްރޯޑް މޯލްޑިވްސްއިން ފަންނު އެކްސްޕޯ ސްޕޮންސަރކޮށްފި


ފަންނު އެކްސްޕޯ ސްޕޮންސަރ ކުރުމުގެ އެއްބަސްވުމެއްގައި ކްރޮސްރޯޑް މޯލްޑިވްސްއާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ޕްރޮމޯޓްކޮށް ފަންނު އެކްސްޕޯއަކީ ކާމިޔާބު އެކްސްޕޯއަކަށް ހެދުމަށް އެ ކުންފުނިން އެހީވެދޭނެއެވެ. ކްރޮސްރޯޑް މޯލްޑިވްސްއިން ބުނީ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ. އެގޮތުން ކޮރޮސްރޯޑްގެ ޑިސްކަވަރީ ސެންޓަރުގައި ދިވެހި އުފެއްދުންތައް ބަހައްޓައި އެ އުފެއްދުންތައް ޕްރޮމޯޓްކޮށްދޭނެއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" ގެ މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމެވެ. މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ފަންނު އެކްސްޕޯގައި 6 ދާއިރާއަކުން ވާދަކުރެވޭނެއެވެ. މި 6 ދާއިރާ މައިގަނޑު 14 ގިންތިއަކަށް ބަހާލާފައިވާއިރު، މުޅި ޖުމްލަ 78 ގިންތިން ވާދަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މުޅި އެކްސްޕޯގައި ޖުމްލަ 635 ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަންވަނައަށް 5 ފަރާތެއް ހޮވައި 1 މިލިއަން ރުފިޔާގެ ލުއިލޯނު ދިނުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 22 އިން 28ގެ ނިޔަލަށެވެ.