ޚަބަރު

ރަޝިޔާއާ އިންޑިއާގެ ދިފާޢީ ވަޒީރުން މޮސްކޯގައި ބައްދަލުކުރައްވައިފި


ރަޝިޔާގެ ދިފާޢީވަޒީރު ސަރްގޭ ޝޮއިގޫއާ އިންޑިއާގެ ދިފާޢީވަޒީރު ރަޖްނާތް ސިންހް ރަޝިޔާގެ ވެރިރަށް މޮސްކޯގައި މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތަކަކީ ދެ ޤައުމުގެ ދެމެދުކުރިއަށް ގެންދާ 19ވަނަ އަސްކަރީ ވާހަކަތަކުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކެކެވެ.

މިކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތް ސިންހް ވިދާޅުވީ އިންޑިއާގެ އުފެއްދުންތަކަށް އިސްކަން ދިނުމަށް އެ ޤައުމުން ކުރިއަށްގެންދާ މޭކް އިން އިންޑިއާ މަޝްރޫޢަށް ރަޝިޔާގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެކަމަށެވެ. އަދި 2020ވަނަ އަހަރު އިންޑިއާގައި ބާއްވާ ދިފާޢީ އެކްސްޕޯއަށްވެސް ރަޝިޔާއިން އެއްބާރުލުންދޭނެކަމުގެ އިޝާރާތެއް އެ ޤައުމުގެ ދިފާޢީވަޒީރު ކުރައްވާފައިވާކަމަށް އިންޑިއާގެ ދިފާޢީވަޒީރުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޑިއާއިން ކުރިއަށްގެންދާ އަސްކަރީ ޙަރަކާތްތަކަށްވެސް ރަޝިޔާއިން އެއްބާރުލުންދޭނެކަމަށް ރަޖްނާތް ވިދާޅުވިއެވެ.

ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ރަޝިޔާއާއި އިންޑިއާއަކީ އެކި އެކި ދާއިރާތަކުގައި ހަރުދަނާ ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. މީގެ ތެރޭގައި ހަކަތައާ ދިފާޢީ ސިނާޢަތުގެ އިތުރުން އެހެން ސިނާޢަތްތައްވެސް ހިމެނެއެވެ.