ޚަބަރު

ހުކުމަކާއި ނުލައި ޖަލުގައި 7 އަހަރު - ޖަލުތަކުގެ އޮޑިޓް ރިޕޯޓް ތަންފީޒު ނުކުރެވޭ


އެއްވެސް ހުކުމެއް ޝަރީއަތެއްނެތި ޖަލުގައި 7 އަހަރު ދުވަހު އޮތް މީހަކު އަދިވެސް އޮތީޖަލުގައިކަން ހޯމް މިނިސްޓްރީއާއެކު ބޭއްވުނު ބައްދަލުވުމަކުން ހާމަވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލި "ޖަލުތަކުގެ އޮޑިޓް ރިޕޯޓް"ގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ޝަރީއަތެއް ނުކޮށް ހުކުމަކާއި ނުލައި ޖަލަށްލާފައިވާ ފަރާތްތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީންދަނީ ބަލަމުންނެވެ. އެކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި، ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ޖަލުގައި އެއްވެސް ހުކުމަކާއި ނުލައި އެންމެ ގިނަ އަހަރުތަކެއް ވަންދެން އޮތީ 7 އަހަރު ދުވަހު ޖަލުގައި އޮތް މީހެއް ކަމަށެވެ.

އެމީހާގެ މައްސަލާގައި ހޯމް މިނިސްޓްރީގެ ބޭފުޅަކާއި ބައްދަލުކޮށް މައުލޫމާތު ސާފްކުރުމުން އެގުނީ އަދިވެސް އެމީހާ އޮތީ ޖަލުގައިކަމަށް ޖީހާން ވިދާޅުވިއެވެ. މިކަމަކީ ކޮމިޓީވެސް އަދި އާންމު ރައްޔިތުންގެވެސް ނުހަނުބޮޑު ކަންބޮޑުވުން އޮތްކަމަކަށްވާއިރު ޖަލުގައި ހުކުމަކާއި ނުލައި ތިބި ފަރާތްތަކާމެދު ގޮތްތަކެއް ކަނޑައެޅެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ޝަރީއަތެއް ހުކުމެއްނެތި ޖަލުތަކުގައި 7 އަހަރު ދުވަހު މީހަކު އޮތް އިރު 5 އަހަރާއި 4 އަހަރާއި 3 އަހަރުވަންދެންވެސް އެތައްބަޔަކު ޖަލުގައި ތިބިކަން ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ޖަލުތަކުގެ އޮޑިޓް ރިޕޯޓެއް އެކުލަވާލައި ޖަލުގައިތިބި މިފަދަ ފަރާތްތަކުގެ މަޢުލޫމާތުވަނީ ސާފުކޮށްފައެވެ. ނަމަވެސް ހުކުމެއްނެތި ޖަލުގައި ބަންދުކޮށްފައިތިބި މީހުންނާމެދު މިއަދާއިހަމައަށްވެސް އެއްވެސް ޝަރީއަތެއްވެސް އަދި މައްސަލައެއް ނުބެލޭކަމީ ރާއްޖޭގެ ކޯޓްތަކާއި، ޖަލުގެ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ އިޚުމާލުވުން ބޮޑުކަމެއްކަމަށް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރުންވަނީ ވިދާޅުވެފައެވެ.

ޤާނޫނު އަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ޖަލައްލެވޭ ފަރާތްތަކާމެދުވެސް އަމަލުކުރެވޭނެ ވަކި ގޮތްތަކެއްވަނީ ކަނޑައަޅާފައެވެ. ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައިބުނެފައިވަނީ ކުށެއް ކުރެވިފައިވާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ދޭހަވާނޭ ގޮތަކަށް ލަސްނުކޮށް އަންގަންޖެހޭނެކަމަށެވެ. އަދި އެކަށީގެންވާ މުއްދަތެއްގައި އެމީހަކާމެދު ޝަރީއަތްކޮށް ނިންމަންޖެހޭނެކަމަށްވެސް މިމާއްދާގައި ބުނެފައިވެއެވެ. ހަމައެހެންމެ އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ހައްޤު ލިބިގެންވެއެވެ.

ޖަލުތަކުގެ އޮޑިޓްރިޕޯޓް މިއަހަރުގެ މެއިމަހުގެ ތެރޭގައި ވަނީ ހާމަކޮށްފައެވެ. ރިޕޯޓް ހަމަކޮށް ކަމާއިބެހޭ ފަރާތްތަކުން ރިޕޯޓްގައި ފާހަނގަކޮށްފައިވާ ކަންކަން ހައްލުކުރުމަށް 6 މަސްދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާއިރުވެސް މިކަމަށް ހައްލެއް ނުލިބޭކަމީ މުއައްސަސާތަކުގެ މަސްއޫލިއްޔަތާއިމެދު ސުވާލުއުފެދޭ ކަމެއްކަމަށްވެސް ކޮމިޓީގައި ބައިވެރިވި މެންބަރުންވަނީ ވިދާޅުވެފައެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައު، ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.