މުނިފޫހިފިލުވުން

އަމީތާބު ކެރިއަރަށް 50 އަހަރު ފިލްމު ކުޅެން ނުކުތީ މުބާރާތަކުން


ބޮލީވުޑްގެ ޝެހެންޝާހުގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ އަމީތާބު ބަޗަން ފިލްމީ ދުނިޔޭގައި މަސައްކަތްކުރާތާ 50 އަހަރުވެއްޖެއެވެ.
މިހާރު އުމުރުން 77 އަހަރުގެ އަމީތާބުގެ އޭނާގެ ކެރިއަރ ފަށާފައިވަނީ 1969 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަދުވަހު ރިލީޒްކުރި "ސާތު ހިންދުސްތާނީ " މި ފިލުމުންނެވެ. ޕޯޗުގީޒުންގެ އަތުން ގޯއާ މިނިވަންކުރަން މަސައްކަތް ކުރި ހަތް ޒުވާނުންގެ ފެނިގެންދިޔަ ފިލުމުން ބޮލީވުޑްގެ ސިނަމާތަކަށް ނުކުތް އަމީތާބު މިހާތަނަށް 200 ވުރެ ގިނަ ފިލްމު ކުޅެފައިވެއެވެ.

1969 ގައި ފިލްމީ ދުނިޔެއަށް އަމީތާބު ނުކުތް ނަމަވެސް އޭނާ ފިލްމުތައް ވައިގައި ހިފީ 1970ގެ ތެރޭގައެވެ. މިގޮތުން 1970 ގައި ނުކުތް ފިލްމުތައްކަމަށްވާ "ޒަންޖީރު" "ދީވާރު" "ޝޯލޭ" ފަދަ ފިލްމުތަކީ މިއަދުވެސް އެތައް ބަޔަކު އަދިވެސް ބަލަމުން އަންނަ ފިލްމުތަކެވެ.

އަމީތާބު ފުރަތަމަ ފިލްމީ ދުނިޔެއަށް ނުކުތީ އެކްޓްކުރުމަށް ބޭއްވި މުބާރާތަކުން ވަނަ ހޯދައިގެންނެވެ. އެ މުބާރާތުގައި އޭނާ ބައިވެރިވީ ވަނައަކަށް ގޮއްސި ނަމަ އޭރު މަޝްހޫރު ޕްރޮޑިއުސަރެއްގެ ފިލްމަކުން ފުރުސަތު ލިބޭނެކަމަށް އިއުލާންކޮށްފައި އޮތުމުންކަމަށް އަމިތާބު ކިޔާދިނެވެ. އަދި ފިލްމީ ކެރިއަރުގެ ފުރަތަމަ ކޮޅު ފިލްމެއްގައި މަސައްކަތް ކުރުމަށް މަޝްހޫރު ޑައިރެކްޓަރެއް ކައިރިޔަށް ދިޔުމުން މަސައްކަތް ހަވާލުނުކޮށް ބައްޕައަށް ގުޅާ ގެއިން ފިލައިގެން އައިސްތޯ އުޅެނީވެސް ބަލާ ހެދިކަމަށެވެ.

ފިލްމީ އިންޑަސްޓްރީގައި އަމިތާބު މަސައްކަތް ކުރާތާ 50 އަހަރު ފުރުމުން ބޮލީވުޑްގެ ގިނަ ތަރިންނާއި ޕޮރޮޑިުސަރުންގެ އިތުރުން ގިނަ އަމީތާބުގެ ގިނަ ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަދި ފިލްމީ ކެރިއަރގައި އަމީތާބުކޮށްފައިވާ މަސައްކަތައް ފާހަގަކޮށް ތައުރީފުކުރަމުންނެވެ.

އަމީތާބު ފިލްމީ ކެރިއަރަށް 50 އަހަރު ފުރުނު އިރު އޭނާ އަންނަނީ ފިލްމުތަކުގެ އިތުރުން ގިނަ އަދަދެއްގެ އިސްތިހާރުވެސް ކުޅެމުންނެވެ. އަދި މީގެއިތުރުން ބައެއް ރިއަލިޓީ ޝޯތައްވެސް އަމީތާބު ހުށައަޅަމުން އާދެއެވެ. މީގެތެރެއިން އެންމެ ކާމިޔާބު ޝޯ ކޯން ބަނޭގާ ކްރޯޑް ޕަތީގެ 11 ވަނަ ސީޒަން މިހާރު ދަަނީ ދައްކަމުންނެވެ.

އަމީތާބުގެ ފިލްމީ ކެރިއަރަށް 50 އަހަރު ފުރުނު އިރު ދާދި ފަހުންވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ. އަދި ކުރަމުންދާ މަސައްކަތްތައް މަޑު ޖައްސާލާ މަދުކުރުމަށްވެސް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މިހާރުވެސް އަމީތާބު ހިމެނޭ ގިނަ ފިލްމަތަކެއް އިއުލާންކޮށް އެ ފިލްމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިގޮތުން އަޔުޝްމާން ކުރާނާއާއި އެއްކޮށް ފެނިގެންދާ "ގުލާބީ ސިތާބޯ" އާއި ރަންބީރާއި އާލިއާ ފެނިގެންދާ "ބްރަމަސްތުރާ" ނަގްރާޖްގެ "ޖުންދު" ހިމެނެއެވެ.