ކުޅިވަރު

ސެންޓްރަލް ޒޯންގައި އަންހެން ޓީމުގެ ކޯޗްކަން ކުރާނީ މުޙައްމަދު ފައިސަލް


އަންހަ ހޮނިހިރި ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ ވިމެންސް ވޮލީބޯޅަ މުބާރާތުގައި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުކަން މުޙައްމަދު ފައިސަލް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މުބާރާތުގައި އަންހެން ޓިމަށް ފަހުމީ އިރުޝާދުދޭ ގޮތަށް ހަމަޖެއްސީ މިރޭ ބޭއްވި މުބާރާތުގެ ޓެކްނިކަލް މީޓިންއަށްފަހުއެވެ. ޓީމުގެ ކޯޗަކަށް ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިޚާބީ ރައީސް ފޮނުވި ލިސްޓުގައި އޮތީ ކުރީގެ އެސިސްޓެންޓް ކޯޗް އަޙްމަދު ސުނާންއެވެ. ނަމަވެސް މުބާރާތަށް ޓީމް ތައްޔާރުވީ ވީއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ އަޙްމަދު އަދީލްގެ އިރުޝާދުގެ ދަށުންނެވެ. އެގޮތުން މުބާރާތުގައި ވާދަކުރަން އެންމެ ފުރަތަމަ ވޮލީބޯޅަ ނޯމަލައިޒޭޝަން ކޮމިޓީއިން ފޮނުވި ލިސްޓުގައި ކޯޗުގެ މަޤާމް ދީފައިވަނީ ޓެކްނިކަލް ޑިރެކްޓަރ އަޙްމަދު އަދީލްއަށެވެ.

މުބާރާތުގައި ވާދަކުރުމަށް ޓީމް ބަންގްލަދޭޝްއަށް އައިއިރު ސުނާނު ޓީމާއިއެކު އައިސްފައެއް ނުވެއެވެ. ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތުދެމުން މުބާރާތުގެ ރާއްޖޭގެ ހެޑް އޮފް ޑެލިގޭޝަން މުޙައްމަދު ޝާފީ ވިދާޅުވީ ޓީމާއެކު ކޯޗް ސުނާނުއަށް ނާދެވުނީ އިދާރީގޮތުން ނިންމަންޖެހޭ ބައެއް ކަންކަން ނިންމިފައި ނެތުމުން ކަމަށެވެ. އަދި މީގެކުރިން ފޮނުވި ލިސްޓުގައި ކޯޗުގެ މަޤާމަށް ސުނާނު ހަމަޖައްސާފައިވަނީ ކުރީގެ ކޯޗް އިބްރާހިމް ރަޝީދުއަށް އަމިއްލަ ސަބަބުތަކަކާހުރެ މިމުބަރާތުގައި ޓީމަށް އިރުޝާދު ދެވެން ނެތްވާހަކަ އެންގުމުން، އެމަޤާމު ހުސްވުމާއެކު ކޯޗް ސުނާނަކީ އޭރުގެ އެސިސްޓަންޓް ކޯޗަށް ވުމުން ކަމަށެވެ.

މިރޭ ބޭއްވި މުބާރާތުގެ ޓެކްނިކަލް މީޓިންގގައި އޭވީސީއިން މުބާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ޓެކްނިކަލް ޑިރެކްޓަރ މައްސޫދް ވިދާޅުވީ، މުބާރާތުގައި ރާއްޖެއިން ބައިވެރި ކުރުވާފައިވާނީ އިންތިޚާބީ ރަޢީސް ލަތީފްގެ ސޮޔާއެކު ހުށައަޅާފައިވާ ޓީމް ލިސްޓު ކަމަށާއި، އެހެންކަމުން ކޯޗުކަން ކޮދެވޭނީ ކޯޗް ސުނާންއަށް ކަމަށް. ނަމަވެސް ކޯޗް ސުނާނުއަށް ނާދެވޭނަމަ އެމަގާމު އަދާކުރަންޖެހޭނީ އެސިސްޓަންޓް ކޯޗް މުޙައްމަދު ފައިސަލް ކަމަށް. މީގެ އިތުރުން ޓިމް ލިސްޓުގެ އެެއްވެސް މަގާމަކަށް ބަދަލުގެންނަނަމަ ފައްސަތޭކަ ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޓިމް ޖޫރިމަނާވާނެ ކަމަށްވެސް ޓެކްނިކަލް ޑިރެކްޓަރ މައްސޫދް ވިދާޅުވިއެވެ.

މުބާރާތް ހޯސްޓުކުރާ ބަންގްލަދޭޝްގެ އެސޯސިއޭޝަނަށް މީގެކުރުންވެސް ވަނީ، މިމުބާރާތުގެ އެއްވެސް ކަމެއްގައި އިންތިޚާބީ ރައީސް ލަތީފްގެ އެކްސްކޯ ނޫން އެއްވެސް ފަރާތަކާއި ރާއްޖެ ޓީމުގެ އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރުމަށް އޭވީސީއިން އަންގާފައެވެ. އެއާއިއެކު އެންމެ ފުރަތަމަ މުބާރާތުގައި ރާއްގެ ބައިވެރިކުރުވަން އޭރުގެ ނޯމަލައިޒޭޝަން ކޮމިޓީއިން ބަންގްލަދޭޝްގެ އެސޯސިއޭޝަނަށް ފޮނުވިލިއުން ބަންގްލަދޭޝްއިން ވަނީ އަންބުރާ ފޮނުވާލާފައެވެ. އެގޮތުން ރާއްޖެ ބައިވެރިވީ ފަހުން ރައްޖެއަށްދިން ފުރުޞަތުގައި އިންތިޚާބީ ރައީސް ލަތީފް ޓީމް ލިސްޓު ފޮނުވަވައިގެންނެވެ.