ކުޅިވަރު

ތަމްރީން ދަތުރުގެ ސަބަބުން މުޅި ޓީމްގެ ފިޓްނަސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ: ހައިޝަމް


ތަމްރީން ދަތުރުގެ ސަބަބުން މުޅި ޓީމްގެ ފިޓްނަސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެކަމަށް ޤައުމީ ޓީމްގެ ޒުވާން ޑިފެންޑަރ ހައިޝަމް ހަސަން ބުނެފިއެވެ.

ޤައުމީ ޓީމް މިހާރު ތައްޔާރުވަމުން އަންނަނީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ 2 މެޗަށެވެ. މި 2 މެޗަށް ތާއްޔާރުވުމަށް މެލޭޝިޔާގައި ތަމްރީން ހަދަމުންނެވެ.

ޤައުމީ ޓީމްގެ އުއްމީދީ ޑިފެންޑަރ ހައިޝަމް ހަސަން ބުނީ ޤައުމީ ޓީމާއިއެކު ކުރި ތަމްރީން ދަތުރުތަކުގައި އެންމެ ބޮޑަށް ފާހަގަވީ ފިޓްނަސްއަށް އައި ކުރިއެރުންކަމަށާއި، އިތުރަށް ކުރިއަށްދާން ބޮޑު ހިތްވަރެއް ލިބިއްޖެކަމަށެވެ. އޭނާ ބުނީ ކުލަބުގެ ފަރިތަކުރުންތަކާއި ހިލާފަށް ޤައުމީ ޓީމްގައި ފިޓްނަސް ޓްރެއިނަރެއް ހުރެ އޭނާގެ އިރުޝާދުގެ ދަށުން ފިޓްނަސް ރަނގަޅު ކުރުމަށް ކުރާ ކަންތަކުގެ ސަބަބުން މުޅި ޓީމަށް ކުރިއެރުން އައިސްފައިވާކަމަށެވެ.

ޒުވާން ޑިފެންޑަރު ބުނީ ޤައުމީ ޓީމްގެ މުހިންމު މެޗުތަކަށް ނިކުންނައިރު 90 މިނެޓު އެއް ވާނެއްގައި ކުޅެވޭނީ ފިޓްނަސް ވަރަށް ބޮޑަށް ރަނގަޅުވެގެންކަމަށާއި، މެލޭޝިޔާގެ ތަމްރީންތަކުންވެސް މުޅި ޓީމްގެ ފިޓްނަސް ވަރަށް ރަނގަޅުވެއްޖެކަމަށެވެ.

އޭނާ ބުނީ ޤައުމީ ޓީމާއިއެކު ހޭދަކުރި މި ހަތަރު މަސްތެރޭގައި ސީނިއަރ ކުޅުންތެރިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށައި، އެއީ ޒުވާން ކުޅުންތެރިން ކުރިއަށްދާން ލިބޭ ބޮޑު ހިތްވަރެއްކަމަށެވެ.
ހައިޝަމް ބުނީ ހުރިހާ ކުޅުންތެރިންގެވެސް އުއްމީދަކީ ކުރިއަށް މިއޮތް ފިލިޕީންސް މެެޗު ކާމިޔާބުކުރުންކަމަށާއި، އެންމެންވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށެވެ.

"ޓީމް ވަރަށް ޖޯޝާއި ފޯރީގައި މިއޮތީ، މެލޭޝިޔާ ކޭމްޕުން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. ހާއްސަކޮށް ފިޓްނަސް ވަރަށް ރަނގަޅުވެއްޖެކަމަށް ފާހަގަކުރެވޭ."