ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްޢަޤްވާމީ މުޖްތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވައި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހައްދުފަހަނައެޅި ޔަޙޫދީން ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އަދި ހައްދުފަހަނަ އެޅި ޔަޙޫދީން ޣައްޒާގެ ނަޞްލު ހޭދުކުރަން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަކަށް ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާ ރައްޔިތުންގެ ފުރާނަ ހިމާޔަތް ކުރުމަށް ރައީސްވަނީ ގޮވާލައްވާފައެވެ. އަދި އިސްރާޢީލުގެ މިޢަމަލުތަކުގެ ޒިންމާ އެމީހުން ނަގަންޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އދ. 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައިރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައިވެސްވަނީ ޔަހޫދީން ޢައްޒާގައި ހިންގަމުންދާ ޤަތުލްޢާއްމު މިހާރުން މިހާރަށް ހުއްޓުވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް ދިނުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޔަހޫދީން ވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދު ކޮށްލާފައެވެ. މިއީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,272އަށް އުފުލިފައިވާ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާއިރު، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ ޔަހޫދީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާ ކަމުގައެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 120,673އަށް އަރައެވެ.
ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.