ޚަބަރު

ހިދުމަތް ޤާއިމްވެފައި ނެތް ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަނީ


މިހާތަނަށް ފުލުހުންގެ ޚިދުމަތް ދާއިމީ ގޮތެއްގައި ޤާއިމް ކުރެވިފައި ނުވާ ބައެއް ރަށްރަށުގައި ރަމަޟާންމަހު ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެރަށްރަށުގައި ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.އެގޮތުން  ހއ. އުލިގަމާއި، ނ. ކެނދިކޮޅުދޫ އާއި، ރ. މަޑުއްވަރީ އާއި، ލ. މާބައިދޫ ގައި ވަގުތީ ގޮތުން ފުލުހުން ބައިތިއްބައި ފުލުހުންގެ ޚިދުމަތް އެރަށްރަށުގައި ދޭން މިހާރު ވަނީ ފަށާފަައެވެ.ބަރަކާތްތެރި ރަމަޟާންމަހަކީ ރައްޔިތުންނަށް ރައްކާތެރިކަމާ ހިތްހަމަޖެހުން ލިބިދީފައިވާ މައްސަރަކަށް ހެދުމަށް ފުލުހުންގެ މަސައްކަތަށް އަތޮޅުތަކުގައި ގެނެވިފައިވާ މިބަދަލުގައި ވަގުތީ ގޮތުން ފުލުހުން ބައިތިއްބަން ހަމަޖެހިފައިވަނީ ދާއިމީ ގޮތެއްގައި ފުލުހުން ނެތްނަމަވެސް އެފަދަ ރަށްރަށަކީ ފުލުހުން ތިބުމުގެ މުހިއްމުކަން ބޮޑުކަމަށް ފެންނަ ރަށްރަށުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިގޮތުން ފުލުހުން ތިބޭނެ ރަށްރަށް ކަނޑައެޅުމުގައި ޖިއޮގްރަފީގޮތުން ރަށް އޮންނަ ސަރަޙައްދާ ރަށުގެ އާބާދީއާ ކުށުގެ ނިސްބަތަށް ބަލާފައިވާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.ވަގުތީ ގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެރަށްރަށުގެ ރަށުކައުންސިލާއި އެރަށެއް ހިމެނޭ ޑިވިޜަން ކޮމާންޑަރުގެ ބެލުމުގެ ދަށުންނެވެ. މިގޮތުން ފުލުހުން އެރަށްރަށުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސައިދެއްވަނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.