ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ލިމްކޮކްވިންގއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީއާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިޔާގެ ލިމްކޮމްވިންގ ޔުނިވަރސިޓީއާއެކު ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރުން އޮތީ، މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ލަންޑަންގައި ހުންނަ ލިމްކޮކްވިންގ ޔުނިވަރސިޓީގެ ކެމްޕަހުގައި އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަލީ ވަޙީދު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ލިމްކޮކްވިންގ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ބާނީ ލިމްކޮކްވިންގެ ދަރިކަނބަލުން އަދި އެ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް ޓިފަނީ މާރީ ލީއެވެ.

ލިމްކޮކްވިންގއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ލިމްކޮކްވިންގ ޔުނިވަރސިޓީއާއެކު ސޮއިކުރެވިގެންދިޔައީ ރާއްޖެއަށް ވަރަށް އުއްމީދީ އެއްބަސްވުމެއްކަމަށެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ވިސްނުންފުޅެއް އެއީ ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަޤާމްތަކަށް ދިވެހިން ގެނައުން. އަޅުގަނޑުމެންގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް އެއީ. އަދި އޭގެ އިތުރުން މިހާރުވެސް ރިސޯޓްތަކުގައި ތިބި ޤާބިލް ޒުވާނުން އިތުރު ތަމްރީން ބޭނުންވާ. އަޅުގަނޑޫމެން އާ އަހަރާ މިކުރިމަތިލަނީ ސަރުކާރުގެ އެސްއޭޕީއާ އެއްކޮށް. ޑެލިވަރީއަށް. އަމާޒު މިއޮތީ އެގޮތަށް. މިއެމްއޯޔޫގެ ތެރެއިން ލިމްކޮކް ޔުނިވަރސިޓީގެ ފަރާތުންނާއި ދިވެހި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކާ އެއްކޮށް، މިއަންނަ އަހަރު މި ހުޅުވޭ ރިސޯޓްތަކަށް ބޭނުންވާ މުވައްޒަފުން އެރަށްރަށަށް ގޮސް ތަމްރީންކުރެވިގެންދާނެ." މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރިސޯޓްތަކުގެ މަތީ މަޤާމްތަކަށް ޤާބިލް ދިވެހިން ނެރުންކަމަށެވެ. އެކަމަށް ގޮންޖެހުންތަކެއް ހުރިނަމަވެސް، ލިމްކޮކްވިންގއާއެކު ޤާއިމްކުރާ އެއްބަސްވުމުގެ ސަބަބުން އެކަމަށް ޙައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

"ރިސޯޓްސްތައް ހުޅުވޭ ދުވަސް އެނބަ އިނގޭ މިނިސްޓްރީއަށް. އެހެންވީމަ އެ ރިސޯޓެއްގެ ކައިރީގައި ހުންނަ ރަށްތަކުގައ އަޅުގަނޑުމެން ޕްރޮގްރާމް ހިންގާނީ. މާލެއިން އެރައްޔިތުން އަންނާކަށް ނުޖެހޭނެ. އެވަރަކަށް އެފޯޑެއްވެސް ބައެއް ފަރާތްތަކަށް ނުކުރެވޭ. އަޅުގަނޑުމެން ސަރުކާރުން ކަށަވަރުކުރަން މި ބޭނުންވަނީ އިންޑަސްޓްރީއާ އެއްކޮށް ދިވެހިންނަށް ކަމުގެ ޤާބިލްކަން ލިބިގެން ވަޒީފާއަށް ނެރުން. އެއީ އެއްބަސްވުމުގެ ތެރެއިން ކުރާނެ އެންމެ ބޮޑު އެއް މަސައްކަތަކީ" މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

ލިމްކޮކްވިންގ ޔުނިވަރސިޓީއާއެކު ޤާއިމްކުރި އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ހިލޭ ސްކޮލަރޝިޕްތަކުގެ ފުރުޞަތާއި، ހާފް ފަންޑަޑް ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ލިބިގެންދާކެމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ފައިދާކުރަނިވި ކަންތައްތަކެއް ހޯދުންކަމަށެވެ. އެގޮތުން ސްޕެއިންއާއި އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައިވެސް އެންމެ ބޮޑަށް މަސައްކަތްކުރައްވަނީ ރާއްޖެއަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރެވޭތޯކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސްޕެއިންއިން ފަށައިގެން ކުރިއަށްދާ މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް އޭގެ އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތްތަކަށް ކަންތައްތަކެއް ކުރުން. ޑޮކްޓަރ މުސްތަފާ ލުތުފީ ވިދާޅުވާ ބަހެއް އަޅުގަނޑު ހަނދާނަށް އަންނަނީ. ކަމެއް ވާނީ ކަމެއް ކުރީމައޭ. ކަމެއް ކުރެވޭތޯ މިއުޅޭނީ." މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.