ސިޔާސީ

އިތުބާރުނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ހުށަހަޅާނެ- ނިހާން


ނައިބު ރައީސް ޑރ. މުހައްމަދު
ޖަމީލު އަހްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް
ހުށައަޅުއްވާނެކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ވިދާޅުވެއްޖެއެވެ.



ޕީއެސްއެމަށް
މަޢުލޫމާތުދެއްވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން
ހުސައިން މަނިކް ވިދާޅުވީ، މާދަމާގެ ވަގުތެއްގައި ނާއިބުރައީސްގެ އިތުބާރު
ނެތްކަމުގެ މައްސަލަ ހޫށައެޅޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ނަމަވެސް  މަޖިލީހަށް ވައްދާ ގަރާރުގައި މިހާތަނަށް
ސޮއިކޮށްފައި ވަނީ ކިތަށް މެމްބަރުންކަމެއް ނިހާން ވިދާޅެއްނުވެއެވެ.



 



ޕީޕީއެމް ޕާލިމެންޓްރީ
ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު
ވިދާޅުވީ، ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށްޓަކައި ޕީ.ޕީ.އެމްއާއި
އެމް.ޑީއޭ ކޯލިޝަނުން ކުރާ މަސައްކަތް ހަލުވި ކަމާއެކު މިއަދުވެސް ކުރިޔަށްދާކަމަށެވެ.



 



ޝުޖާއު ވިދާޅުވީ، 57
މެންބަރުންގެ ސޮއި ހޯދުމައް ކުރާ، މަސައްކަތުގައި ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ.



 



ޕީ.ޕީ.އެމް އާއި،
އެމް.ޑީ.އޭގެ ބައެއް މެންބަރުންގެތެރެއިން މިވަގުތު މާލޭގައި ނުއުޅުއްވާ
މެންބަރުންނަށްވެސް މާދަމާއާއި ހަމައަށް ސޮއިކުރެވޭނެކަމަށާއި، އިދިކޮޅު
އެމް.ޑީޕީގެ ފަސްވަރަކަށް މެންބަރުން މިހާރު ސޮއިކޮށްފައިވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.



 



ނައިބްރައީސްގެ އިތުބާރު
ނެތްކަމުގެ ވޯޓުނެގުމަށް ސޮއިކުރާ ޕެޓިޝަން މަޖިލީހަށް ވެއްދޭނެ ވަގުތަކާއި،
ސޮއިކުރި މެންބަރުންގެ  ސީދާ އަދަދު މިރޭގެ
ވަގުތެއްގައި ހާމަކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.