ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިން ނުކުރެވޭވަރުގެ މަސައްކަތްތަކެއް


މަސްތުވާ ތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް މިއިން ދުވަހަކު ނުކުރާފަދަ މަސައްކަތްތަކެއް މިއަދުގެ ސަރުކާރުން ކުރަން ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.މިދިޔަ ހުކުރު ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައި ސީ ޕީ ހުސައިން ވަހީދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުން ދުރުކޮށް، ޤައުމީ ޚިދުމަތުގައި ޒުވާނުންގެ ވަގުތުތައް ފުރާލައި، މަސްތުވާ ތަކެތީގެ ވަބާއިން ހިތާމަތައް ކުރިމަތި ވެފައިވާ ދިވެހި ޢާއިލާތަކަށް ހިތްހަމަޖެހުން ގެނެސްދިނުމަށް މިއަދުގެ ސަރުކާރުން  ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވައި އެތަކެތި އެތެރެވުން ހުއްޓުވުމަށް ކުރެވެމުންދާ ޤައުމީ މަސައްކަތުގައި ދިވެހި ފުލުހުންނަށް ވަރަށް މުހިއްމު ހިސާބަކަށް އާދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ދިވެހިރާއްޖެއަށް ކުއްތާ ގެނެސް އެކަމަށް ޚާއްޞަ ގެމައެއް އެކުލަވާލެވި މަސްތުވާ ތަކެތި އަތުލައިގަތުމަށް ފާރަ ބޭނުން ކޮށްގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަން ފެށުމާއެކު މި މަސައްކަތަށް މީގެކުރިން ނުލިބޭފަދަ ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް މަސްތުވާ ތަކެތި އެތެރެކޮށް އެއްރަށުން އަނެއް ރަށަށް ގެންގޮސް ވިޔަފާރި ކުރުމަށް ކުރެވޭ މަސައްކަތް ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށް ފާރަ ވެފައިވާ ކަމަށް ވެސް ސީ ޕީ ވިދާޅުވިއެވެ.މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށް، ރާއްޖޭގެ ރަށްރަށަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތުގެ މަޢުލޫމާތު ފުލުހުންނަށް ޙިއްސާ ކުރުމުގައި ރައްޔިތުންގެ ދީލަތި އެހީތެރިކަން ފުލުހުންނަށް ލިބުމަކީ މިކަމުގައި އޮތް އެންމެ ބޮޑު އެއް ޙައްލު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް އެމަނަކިފާނު ވިދާޅުވިއެވެ.