ޚަބަރު

ޑރ.އަފްރާޝިމްގެ މަރުގެ މައްސަލައިގެ ތަފްސީލް ރިޕޯޓެއް ރައީސްއަށް ފޮނުވައިފި


ރަޙުމުކުޑަގޮތަކަށް އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢާލީ އަވަހާރިކޮށްލި މައްސަލަ ތަޙްޤީޤްކޮށް ނިންމާ ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ރިޕޯޓް ފޮނުވައިފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވީ، 2012ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު 00:09 ހާއިރު އަފްރާޝިމް ދިރިއުޅުވާ ގެ ހ.ފުންވިލުގެއަށް ވަޑައިގެންނެވި ވަގުތު އެގޭ ސިޑިކައިރިން ބަޔަކު އަފްރާޝިމަށް ހަމަލާދީ ވަރަށް އަނިޔާވެރިކޮށް އަވަހާރަކޮށްލާފައިވާތީ، އެކަން ރޭވި މީހުންނާއި، އެކަން ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި، އެކަމަށް ޚަރަދުކުރި ފަރާތްތައް ހޯދާ، ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓް ފޮނުވާފައިވާކަމަށެވެ.

ޑރ.އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގެ ތަޙްޤީޤަށް ދާދިފަހުން ވަނީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލިއިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ ޢަބްދުﷲ ރިޔާޒެވެ. ޢަބްދުﷲ ރިޔާޒު ވިދާޅުވީ މިމައްސަލާގައި އޭނާއަށް އެނގިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ކޮމިޝަނާ ހިއްސާ ކުރައްވާފައިވާނެކަމަށާ، އަދި މިމައްސަލާގައި ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާފައިވެސް ވާނެކަމަށެވެ.

ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުވެސް ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން މީގެ ކުރިން ވަނީ ބަޔަކު ވީޑިއޯއެއް ވެސް ޢާންމުކޮށްފައެވެ. އަދި ހޯދަން އިއުލާނުކުރި ދެ މީހުންނާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިފައިވާކަމަށްވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެއެވެ. 2012 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.