ޚަބަރު

މަތީ ދަރަޖަ ހޯދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 39 ބޭފުޅަކަށް


މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ.

އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެއިތުރުން، ޤައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނެއެވެ.

މި ޙަފްލާގައި ސަރުކާރުން ދެއްވާ ބައެއް ޚާއްސަ މެޑެލްވެސް ދެއްވުމަށްވަނީ ހަމަޖެހިފައެވެ.

މީގެތެރޭގައި ހިމެނެނީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅުންނާއި، 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 17 ދަރިވަރުންނެވެ.

މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ދެއްވުމާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 5 ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަށް ބެޖް ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގައެވެ. ޖަލްސާ އޮންނާނީ 10ވަނަ ދުވަހުގެ ރޭ 8:45ގައި ދަރުބާރުގޭގައެވެ.