ޚަބަރު

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ކުށް މަދުކުރުމަށް ރާއްޖޭއިން ބޭނުންވޭ - މިނިސްޓަރ ޝާހިދު


އިންޑިއާ ކަނޑުގެ ސަރަޙައްދުގައިކުށް މަދުކުރުމަށް ސަރަޙައްދުގެ ޤައުމުތަކާއެކު މަސައްކަތްކުރަން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގެ ކައުންސިލް އޮފް މިނިސްޓަރސްގެ 19ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފުރަތަމަ ފަހަރަށް ބައިވެރިވެ ތަޤްރީރު ކުރައްވަމުން މިނިސްޓަ ވަނީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަލުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން ޤަވާއިދާ ޚީލާފަށް މިސަރަޙައްދުން ކުރާ މަސްވެރިކަމާއި ޓެރަރިޒްމާއި އިންސާނީ ވަގުފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަނަތައްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައްޖެއިން ބޭނުންވަނީ ސަރަޙައްދުގެ ޤައުމުތުކާއެކީގައި މިކަންކަން ގާތުން ބަލައި މިކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ އެކުއެކީގައި މަސައްކަތް ކުރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރަޙައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަޙައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުންއަޔޯރާއިން އެންމެ އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަޙައްދުގެ ހިމާޔަތާއި ރައްކާތެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވަމަކީ ރާއްޖެއިން އަޙަމިޔަތުދޭ ކަންކަން، ކަން ފާހަގަކުރެއްވިއެވެ. އަދި ނޫއިޤްތިޞާދާއި މަސްވެރިކަމާއި އިޤްތިޞާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުންފަދަ ކަންކަމަކީ ރާއްޖެއިން އަހައްމިޔަތުކަންދޭ ކަންކަން، ކަން ވެސް މިނިސްޓަރ ޝަހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓަރ ވަނީ އަޔޯރާގެ 22ވަނަ މެމްބަރު ޤައުމެއްގެ ގޮތުގައި ގުޅުނު ކަމުގެ ރަސްމީ ލިޔުމުގައި ސޮއި ކުރައްވާފައެވެ.

މިއީ 2018ވަނަ އަހަރު އަޔޯރާގެ މެމްބަރު ޤައުމަކަށް ރާއްޖެ ވީފަހުން މިސަމިޓްގައި ބައިވެރިވާ ފުރަތަމަ ފަހަރުއެވެ. އަދި އަޔޯރާގެ މެންބަރ ޤައުމަކަށް ވުމަށްޓަކައި ރާއްޖެއިން ހުށައެޅި ހުށައެޅުން އަޔޯރާގެ މެމްބަރު ޤައުމުތަކުން ޤަބޫލުކުރެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖެއިން އަޔޯރާގެ ހިންގުމުގެ ޤަވާއިދުތަކާއި މަޤްޞަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ފުރުހަމަ ޔަޤީންކަން ދެއްވާފައެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ޤައުމުތަކުގެ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހު. މިޖަމްޢިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.