ޚަބަރު

އައޯރާގައި ރަސްމީކޮށް ދިވެހިރާއްޖެއިން ބައިވެރިވެއްޖެ


އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައޯރާގައި ރަސްމީކޮށް ރާއްޖެއިން ބައިވެރިވެއްޖެއެވެ. އައޯރާގެ ދާއިމީ މެމްބަރުކަމުގެ ޑިކްލެރޭޝްންގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދާ 22 ވަނަ އައޯރާ ކޮންފަރެންސްގައި ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. އަދި އައޯރާގެ މިނިސްޓަރުންގެ ކޮންފަރެންސްގައި ރާއްޖެއިން ވަނީ ތަޤްރީރުކޮށްފައެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ، މިއެސޯސިއޭޝަން އުފެއްދުމުގައި ރާއްޖެއިން އަދާކުރައްވާފައިވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އައޯރާ އުފެއްދުމުގައި ކުރީގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލްގެ ދައުރުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރގެ ތަޤްރީރުގައި، ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާ ކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ މިދާއިރާތަކުން ލީޑަރޝިޕް ރޯލު މިހާރުވެސް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވިދާޅުވީ، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށެވެ.

"ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ފަތުޙުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވޭ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހެދި އައޯރާގައި މިހާތަަނަށް އައިރުވެސް ރާއްޖެއިން ބައިވެރިވެވިފައެއް ނުވޭ. މި ބައްދަލުވުމުގައި ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށް." މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ޤައުމުތަކުގެ ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ. މި ޖަމިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.