ޚަބަރު

ހުކުމެނެތި ތިބި މީހުންނާއި ގުޅޭ 120 ސިޓީ 6 މަސްދުވަސްތެރޭ ކޯޓްތަކަށް ފޮނުވިން - ޕީޖީ


އެއްވެސް ހުކުމެއްނެތި ޖަލުގައިތިބި މީހުންގެ މައްސަލަތައް އަވަސްކޮށްދިނުމަށް އެދި މިދިޔަ 6 މަސްދުވަހުގެ ތެރޭ 120 ވުރެ ގިނަ ސިޓީ ކޯޓްތަކަށް ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެއްވެސް ހުކުމެއް، އަދި ޝަރީއަތެއް ކުރުމެއްނެތި ޖަލުތަކުގައި ތިބި މީހުންގެ މައްސަލަތައް ދެނެގަނެ، އަވަސް ހައްލެއް ހޯދާދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ޕިޖީ އޮފީހުން ވަނީ ސިޓީއެއް ފޮނުވާފައެވެ. ޕީޖީ އޮފީހުގެ ސިޓީގައިވަނީ ޖަލުތަކުގައި އެއްވެސް ހުކުމަކާއި ނުލައި، ޝަރީއަތެއްނެތި އެތައް ދިވެހިންނަކާއި، ބިދޭސީންތަކެއްވެސް ތިބިކަން ފާހަގަކޮށްފައެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ބުނާ މުއްދަތުތަކުގައި މިފަދަ ފަރާތްތަކާއި މެދު އަމަލުކުރަންޖެހޭ އެއްވެސް ގޮތަކަށް އަމަލުކުރަމުންނުދާކަންވެސް ޕީޖީގެ ސިޓީގައިވަނީ ފާހަގަކޮށްފައިވެއެވެ.

މިހާތަނަވެސް އެކި ފަހަރު މަތިން ޝަރުއީ އެކި ކޯޓްތަކަށް 120 ސިޓީއެއް މިމައްސަލަތައް އަވަސްކޮށްދިނުމަށް އެދި ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އެގޮތުން އެ އޮފީހުން ކޯޓްތަކުގައި އެދިފައިވާނީ ޝަރީއަތް ނިމެންދެން ޖަލުތަކުގައި ތިބި މީހުންގެ މައްސަލަތަކާއި، ޝަރީއަތް ނުނިމި ދިގުލާ ބަންދުގައި ތިބި މީހުންނާއި ޖިނާއި އިޖުރާތުގެ ޤާނޫނުގެ ދަށުން އެއްވެސް އަޑުއެހުމެއް މިހާތަނަށްވެސް ބާއްވާފައިނުވާ މީހުންގެ މައްސަލަތައް އަވަސްކޮށްދިނުމަށްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުގެ މިސިޓީއާއި ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފައެވެ. ކޮމިޓީގެ މުޤައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ޖަލުތަކުގައި އެއްވެސް ހުކުމެއްނެތި ގިނަބަޔަކު ތިބިއިރު ކޯޓްތަކުން އިހުމާލުވަމުންދާކަމީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އަދި މިކަމުގައި ކޮމިޓީން އަވަސް ފިޔަވަޅު ތަކެއްއަޅަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ޝަރީއަތް ކުރުމެނެތި އޭނާ ނިސްބަތްވާ ދާއިރާގެ 2 ޒުވާނަކުވެސް ޖަލަށްލާފައިވާތާ 4 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އެއާއިލާތަކުން މިއަދުވެސް ހިތާމާއިގައި ތިބިއިރު ޖަލުގައިތިބި މި 2 ޒުވާނުންނަށް ވާނެގޮތެއް ނޭގުމަކީ އެއާއިލާތަކުގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ޖަލު އޮޑިޓް ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހު ވަނީ 290 ސޮފްހާގެ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައިވެއެވެ. ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައިއެކަނިވެސް 1،910 ވުރެ ގިނަ މައްސަލަ އޮތްކަން ޖޭއެސްސީން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.