ވިޔަފާރި

ގުޅީފަޅު ޕޯޓާއެކު މުދަލުގެ އަގު ހެޔޮ ވެގެންދާނެ- އިކޮނޮމިކް މިނިސްޓްރީ


މި ސަރުކާރުން ގުޅީފަޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ އައު ވިޔަފާރި ބަނދަރާއެކު ރާއްޖެ އެތެރެކުރާ މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ބަޖެޓް 2020 ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޔާދު ޙަމީދު ވިދާޅުވީ މިވަގުތު ބޭނުންކުރަމުންދާ ބަނދަރަކީ ޖާގައިގެ ގޮތުން ދަތި ބަނދަރެއްކަމަށެވެ. މިހެންވުމުން، މުދާ ބޭލުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވަމުންދާކަމަށް އެނާ ވިދާޅުވިއެވެ.

އިޔާދު ވިދާޅުވީ ބަނދަރުގެ މަގަތު ފާލަމަށް ގާތްކުރެވެނީ އެންމެ ބޮޑުވެގެން ވެސް 100 މީޓަރުގެ ބޯޓުފަހަރުކަމަށެވެ. 100 މީޓަރަށް ވުރެ ބޮޑެތި ބޯޓުތައް ކައިރިކުރާ ކަމަށް ވާނަމަ މި ބޯޓުފަހަރު ފަޅުތެރޭގައި ބާއްވައިގެން ޓަގު ބޯޓަކަށް މުދާ ކޮންޓްޓެއިނާތައް އަރުވައިގެން ވިޔަފާރި ބަނދަރަށް ބާލަންޖެހެއެވެ. އަދި ކޮންޓެއިނާތައް ހުސްވުމުން ޓަގު ބޯޓުގައި މި ކޮންޓެއިނާތައް ހުޅުމާލެއަށް ގެންގޮސް އަނެއްކާ އަނބުރާ ބޯޓު ފަހަރުތަކަށް ކޮންޓެއިނާތައް ހަމަ ޓަގު ބޯޓުގައި ގެންދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާދު ވިދާޅުވީ ބޯޓުފަހަރު ބަނދަރުން ބޭރުގައި ނުބޭއްވޭ ހާލަތުގައި އެހެން ޤައުމެއްގެ ބަނދަރަކަށް މުދާ ބާލަން ޖެހޭ ފަހަރު އަންނަކަމަށެވެ. އަދި މި ބަނދަރަށް މުދާ ބޭލުމަށްފަހު މި ބަނދަރުން ކުދި ބޯޓުތައް މެދުވެރިކޮށް ރާއްޖޭގެ ބަނދަރަށް ގެންނަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބަނދަރަށް ބޯޓު އައުމަށްފަހު މުދާ ހުސްކޮށް އަލުން ފުރައިގެން ދިއުމަށް ހޭދަވާ މުއްދަތު އެންމެ ދިގު ޤައުމަކީ މުޅި ދުނިޔޭގައި ވެސް ރާއްޖެ. މިހާރުގެ ބަނދަރުގައި ނެތް ކެޕޭސިޓީއެއް ބޮޑެތި ބޮޓުތައް ކައިރިކުރެވޭނެ. އެންމެ ބޮޑުވެގެންވެސް މި ކައިރިކުރެވެނީ 100 މީޓަރުގެ ބޮޓުފަހަރު. ބޮޑެތި ބޯޓުފަހަރުތަކަށް ރާއްޖެއަށް ކައިރި ނުކުރެވޭތީ ކޮލަމްބޯ ފަދަ ޤައުމުތަކުގެ ޕޯޓުތަކަށް މުދާ ބާލަން މި ޖެހެނީ. އަދި ފިޑަރ ބޯޓުތައް އަރުވައިގެން ރާއްޖެއަށް ގެންނަން މިޖެހެނީ." އިޔާދު ވިދާޅުވިއެވެ.

އިޔާދު ވިދާޅުވީ މި ގޮތަށް ރާއްޖެއަށް މުދާ ގެނައުމަކީ ޚަރަދު ބޮޑު އުނދަގޫ މަސައްކަތެއްކަމަށެވެ. މި ސަބަބުތަކާއި ހުރެ ރާއްޖެ ގެންނަ މުދަލުގެ އަގު ބޮޑުވާކަމަށް ވެސް އިޔާދު ވިދާޅުވިއެވެ. އެހެންކަމުން، އަލަށް ތަރައްޤީކުރާ ބަނދަރާއެކު މިކަމަށް ހައްލެއް ލިބި މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށް ލަފާކުރެވޭކަމަށް އިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ގުޅިފަޅުގައި މިތަރައްޤީކުރެވޭ ބަނދަރުގެ ސަބަބުން ބޮޑެތި ބޯޓުފަހަރަށް ޑައިރެކްޓްލީ ރާއްޖެއަށް އާދެވޭނެ. އަދި ރާއްޖެއަށް ބާލަންޖެހޭ ކޮންޓެއިނަރުތައް ރާއްޖެއަށް ބޭލޭނެ. މުދާ އެތެރެކުރުމަށް ހޭދަވާ މުއްދަތު ކުރުވެ ޚަރަދުތައް ވެސް ކުޑަވާނެ. މިކަމުގެ ސަބަބުން ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވެގެންދާނެ. އަދި ވިޔަފާރިވެރިން މިއަދު އުފުލަމުންދާ ތަކުލީފުތަކަށް ވެސް ލުޔެއް ލިބިގެންދާނެ." އިޔާދު ވިދާޅުވިއެވެ.

ގުޅީފަޅު ޕޯޓު ތަރައްޤީކުރުމަކީ އަންނަ އަހަރަށް ސަރުކާރުން ބަޖެޓުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ. 2020 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ގުޅީފަޅު ބަނދަރާއެކު ރާއްޖެއަށް މުދާ ގެންނަން ކުރަންޖެހޭ ޚަރަދު ކުޑަވެ މުދާ އަރުވާ ބޭލުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވެގެންދާނެކަމަށެވެ.