ވިޔަފާރި

އަންނަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ޓެކްސްއިން


އަންނަ އަހަރުގެ ބަޖެޓްގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ޓެކުހުގެ ގޮތުގައެވެ. ޓެކްސްގެ ގޮތުގައި 17.9 މިލިއަން ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިހާރު ވަނީ ހާމަކޮށްފައެވެ. 2020 ވަނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 29.9 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ އާމްދަނީގައިވެސް އެންމެ ބޮޑު އަދަދެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ޓެކުހުގެ ގޮތުގައެވެ. ޓެކުހުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 6.9 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ބަލާފައެވެ.

އަންނަ އަހަރުގެ އާމްދަނީގައި އިމްޕޯޓް ޑިއުޓީން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް ބެލެވޭތީއާއި ޑިއުޓީ ރޭޓުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުންނެވެ. ޢިމްޕޯޓް ޑިއުޓީގެ ގޮތުގައި އަންނަ އަހަރު 3.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ.

އިޤުތިސާދަށް އަންނަ ކުރިއެރުމާއި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވާނެކަމަށް ލަފާކުރެވޭތީ ބީޕީޓީ، ޖީއެސްޓީ، އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން ލިބޭ އާމްދަނީވެސް ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ.

2020 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރާނެކަމަށް ބެލެވެނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 4.0 މިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 970 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 877 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ބަޖެޓްގައި ހިމަނާފައެވެ. އެހެނިހެން ޓެކްސްގެ ގޮތުގައި 442 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެކަމަށް ދައުލަތުން އަންދާޒާކުރެއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ތެރޭގައި އައު ރިސޯޓުތައް ހުޅުވުމާއިއެކު ރިސޯޓުތަކުގެ ކުލިން ލިބޭނެ އާމްދަނީވެސް އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.