ވިޔަފާރި

މިއަހަރުގެ ޑަބްލިޔުޓީއެމް ފެއަރ ކާމިޔާބު - އެމްއެމްޕީއާރުސީ


މިއަހަރުގެ ޑަބްލިޔުޓީއެމް ފެއަރ ވަރަށް ކާމިޔާބުކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިމަހުގެ ހަތަރު ވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ލަންޑަންގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަތަކެއް ކުރެވިގެންދިޔަކަމަށެވެ. އެގޮތުން 3 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ފެއަރގެ ތެރެއިން ތަފާތު އެކި ފަރާތްތަކާ ބައްދަލުކޮށް ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި އެކިއެކި ފަރާތްތަކަކާއެކު މަޝްވަރާކުރެއްވިކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"އޭގެ އިތުރަށް އެބަ އާދޭ ދޭތެރެ ދޭތެރެއިން އަންނަ ބޮޑެތި އޮޕަރޭޓަރުން އެމީސްމީހުން އަޅުގަނޑުމެންގެ ބައެއް ކަހަލަ މީހުންނާ ގުޅުވާލަދީ އެކަހަލަ ކަންތައްތައްވެސް އެބަކުރަން އެހެންވީމަ ހަޤީޤަތުގައި ދެންނެވޭނީ ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅަށޭ ފެއަރ ނިމިގެންދިޔައީ. އަބަދުވެސް އުއްމީދަކީ އާ މާކެޓަކަށް ދިއުން އެހެންނަމަވެސް އަބަދުވެސް ވިސްނަންޖެހޭ އަޅުގަނޑުމެންގެ ޒަމާނުއްސުރެ މިއޮންނަ މާކެޓްތައް އިތުރަށް ރަނގަޅުކޮށް، މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން. އެގޮތުން ވީހާވެސް ވަރަކަށް ބަލަން އެމީހުންނަށް ދިމާވާ މައްސަލަތަކުގެ ހައްލަކީ ކޮބައިތޯ ބަލައި އެކަން ހައްލުކުރުމަށް. ޓޫރިޒަމް މިނިސްޓްރީއާ ގުޅުވާލަދީގެން ހައްލުކުރަންޖެހޭ މައްސަލަތައްވެސް އާދޭ." ތޮއްޔިބް ވިދާޅުވިއެވެ.

މިއަހަރުގެ ޑަބްލިޔުޓީއެމް ފެއަރ ނިމުނަސް، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިއަހަރު އަދިވެސް އިތުރު މަސައްކަތްތައް ކުރުމަށް ރާވާފައިވާކަމަށް ތޮއްޔިބް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

"މިއަހަރުވެސް ފުދޭ ވަރަކަށް އެބައުޅޭ ރޯޑް ޝޯވތައް. މިއަދުވެސް އަޅުގަނޑުމެންގެ ދެ ސްޓާފެއް އެ ފުރީ އިނގިރޭސިވިލާތުގެ އެކިއެކި ސިޓީތަކުގައި ރޯޑް ޝޯވއެއް ކުރިއަށްގެންދަން. އަނެއްކާ އެބައޮތް މިމަހުގެ މެދެއްހާ ހިސާބުގައި އެބައޮތް ނޮޑިކްގެ ރޯޑް ޝޯވއެއް. ޗައިނާ ރޯޑް ޝޯވއެއްވެސް ހިނގާނެ. އަދި އޭގެ އިތުރަށްވެސް މިއަހަރު އަދި އެބަހުރި ރާއްޖޭ އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް.އެހެންވީމަ މިއަހަރު އަދިވެސް ވަރަށް ބިޒީކޮށް އޮތީ. އަޅުގަނޑުމެން މިހާރު ވާނީ އަންނަ އަހަރުގެ ޝެޑިއުލްވެސް ނެރެފައި.ދުރާލާ އިންޑަސްޓްރީން މިކަންކަމަށް ތައްޔާޜުވުމަށް ފުރުޞަތުތައް ލިބިގެންދާނެ އޭރުން" ތޮއްޔިބް ވިދާޅުވިއެވެ.

ސާޅީސް ވަނަ ޑަބްލިޔުޓީއެމް ފެއަރ ނިމިގެންދިޔައިރު، މިއީ ރާއްޖެއިން މި ފެއަރގައި ބައިވެރިވި 35 ވަނަ އަހަރެވެ. އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލުގައި ކުރިއަށްދާ މި ފެއަރގައި ރާއްޖޭގެ 63 ކުންފުންޏަކުން 161 ފަރާތަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައްކަމަށްވާ ޔުނިވަރސަލް ކުންފުންޏާއި ވިލާ އަދި ރިސޯޓު ހޮޓާ ހިންގާ ކުންފުނިތައްކަމަށްވާ ބަނޑޮސް، ކްރައުން އެންޑް ޗަމްޕާ، އަދާރަން، ޓްރިޕަލް އޭ ހޮޓެލްސް އަދި ދާދިފަހުން ހުޅިވިގެންދިޔަ ކްރޮސްރޯޑްސް ހިމެނެއެވެ.

"ޑަބްލިއުޓީއެމް" ފެއަރއަކީ ދުނިޔޭގެ އެކި ޤައުމުގެ ފަތުރުވެރިކަން އިސްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ފެއަރއެކެވެ. މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ފާލަމެއް ސިފަވާ ގޮތަށެވެ. އަދި މި ސްޓޭންޑުން ރާއްޖޭގެ ޤުދުރަތީ ރީތިކަންވެސް ވަރަށް ބޮޑަށް ދައްކުވައިދެއެވެ.

މިއަހަރުގެ "ޑަބްލިއުޓީއެމް" ގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މާހިރުންނާއި ކުންފުނިތަކާއި ޓްރެވެލް އޮޕަރޭޓާސް ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން 51,000 މީހުން ބައިވެރިވިއެވެ.