ވިޔަފާރި

ދައުލަތުގެ ކުންފުނިތަކަށް ފައިދާ ހޯދައި ދިނުމަކީ މެނޭޖިންގ ޑިރެކްޓަރުންގެ ޒިންމާއެއް


ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތަށް އާމްދަނީ ހޯދައިދޭ ކުންފުނިތަކަކަށް ހެދުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ޒިންމާތައް ބޮޑުކޮށް، ފައިދާވާ ކުންފުނިތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކުން ގެއްލުމާއި ކުރިމަތިވެ ދަރަނި ބޮޑުވެފައިވާތީ މި ސަރުކާރުން އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ބަޖެޓް 2020" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނައިބު މުޙައްމަދު ފިރުޒުލް ހުސައިން ވިދާޅުވީ، ސަރުކާރު ހިއްސާވާ 34 ކުންފުންޏެއް މިވަގުތު ހުރިއިރު، މިގެތެރޭގައި ގެއްލުން ލިބޭ ގިނަ ކުންފުނިތަކެއް އެބަހުރިކަމަށެވެ. މި ކުންފުނިތަކަށް ގެއްލުންވާން ދިމާވާ ސަބަބުތައް މިހާރު ހޯދިފައިވާކަމަށާއި މެނޭޖްމަންޓާއި ވާހަކަދައްކައިގެން ފައިދާވާ ކުންފުނިތަކަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރު މީގެ ނަތީޖާ ފެނިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން މެނޭޖިންގ ޑިރެކްޓަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތަކަކީ ކުންފުނީގެ ޕަރޕޯމަންސްއަށް ބިނާކޮށް ދެވޭ އެއްޗަކަށް މިހާރު ބަދަލުކޮށްފައިވާކަން ފިރުޒުލް ވަނީ ފާހަގަކުރައްވާފައެވެ.

"މި ކުންފުނިތަކުގައި ހުރި މައްސަލަތައް މިހާރު ދެނެގަނެވިފައި މިވަނީ. އެ ކުންފުނިތަކާއި މިހާރު ހަވާލުވެގެންތިބި މީހުންނާއިއެކު މަޝްވަރާތައްކޮށް އެ ކުންފުނިތަކަކީ މެދުރާސްތާގައި ފައިދާލިބޭ ކުންފުނިތަކަކަށް ބަދަލުކުރުމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ. 2020 ގައި އިރާދަކުރެއްވިއްޔާ ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ފެނިގެންދާނެ. މި މަސައްކަތުގައި މިހާތަނަށް ކުރެވުނު އެންމެ މުހިންމު ކަމަކީ ދައުލަތަށް އާމްދަނީ ލިއްބައިދިނުމަކީ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަ މީހާގެ މަސްލަހަތު އެކަމުގައި އޮންނަ ކަމަކަމަށް ހެދުން." މުޙައްމަދު ފިރުޒުލް ހުސައިން ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. 2018 ވަނަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބިފައިވަނީ 485 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާ ޑިވިޑެންޑުގެ ގޮތުގައި ވަނީ ލިބިފައެވެ. މިއީ 168 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2020 ވަނަ އަހަރު ޑިވިޑެންޑުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ.