ޚަބަރު

އާ ފިޔަވަޅު ތަކާއެކު ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް


ސައްހަ ލިޔެކިޔުންތައް ނެތި އުޅެމުންދާ ބިދޭސީންގެ އަދަދު މަދު ކުރުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.ލިޔެކިޔުން ނެތި، ގަވާއިދުގެ ބޭރުން އުޅޭ ބިދޭސީންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް ހުރިކަމަށް އިމްގްރޭޝަނުން ބުނެއެވެ.ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ، ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެފަދަ ބިދޭސީންގެ އާބާދީ ވަރަށްބޮޑަށް ދަށްކުރެވިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި މިހާރު ކުރިއަށްދާ ޝެއަޑް ރެސްޕޮންސިޕިލިޓީ ޕްރޮގްރާމާއި، ބިދޭސީންގެ އިންޝިއުރެންސް ސްކީމް ހިމެނޭ ކަމަށް ކޮންޓްރޯލަރ ވިދާޅުވި. ސައްހަ ލިޔެކިޔުންނެތި އުޅެމުންދާ ބިދޭސީން އަނބުރާ ފޮނުވާލުމަށް ކުރިއަށްގެންދާ ވޮލަންޓަރީ ޑިޕާޗަރ ޕްރްގްރާމްގެ އިތުރު ބުރެއް، ރޯދަމަސް ނިމުމުން ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް  ކޮންޓްރޯލަރ ވިދާޅުވިއެވެ. އަދި ސައްހަ ލިޔެކިޔުން ނެތި އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ސަތޭކަ އިންސައްތަ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވިއެވެ.ސައްހަ ލިޔެކިޔުން ނެތި، ފަނަރަ ހާހާއި، ވިހި ހާހާ ދެމެދުގެ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށް އިމިގްރޭޝަނުން ލަފާކުރެއެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ޖުމްލަ އަދަދަކީ، ފަންސާސް އަށް ހާސް، ހަތްދިހަ އަށް ބިދޭސީންނެވެ. ނަމަވެސް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ލައްކަ އަކާ ގާތް ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.