ޚަބަރު

ލ.ގަމުގެ އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަނީ


ލ.ގަމުގެ ތިން އަވަށުގައި ވަކިވަކިން ހިންގަމުން އަންނަ އިންޖީނުގެތައް އެއްކޮށްލުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން މިހާރު ގަމުގެ އަވަށްތަކަށް ކަރަންޓު ފޯރުކޮށްދެނީ، މުކުރިމަގާއި މަތިމަރަދުއާއި ތުނޑީ އަވަށާ، މިއިން ކޮންމެ އަވަށެއްގައި ވަކިވަކިން ހަދާފައިވާ އިންޖީނުގެއާއި އޮފީސް ޢިމާރާތްތައް ބޭނުންކޮށްގެންނެވެ.

ފެނަކަ ކޯޕަރޭޝަނުން މި ހަފްތާގެ ތެރޭގައިވަނީ ތިން އަވަށުގައި ވަކިވަކިން ހިންގަމުންއައި އޮފީސް ޢިމާރާތްތައް އެއް ޢިމާރާތަކަށް ބަދަލުކޮށް ޚިދުމަތް ދޭންފަށާފައެވެ.

ގަމުގެ އާ އޮފީސް ޢިމާރާތް އަދި އަލަށް ހަދާ އިންޖީނުގެ ހުންނަނީ ތުނޑީ އަވަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފެނަކައިން ވިދާޅުވެފައިވަނީ އިންޖީނުގެތައް އެއްކޮށްލައި އާ ބޮޑު އިންޖީނުގެއެއް ހެދުމުގެ މަސައްކަށް މިހާރު ކުރިއަށްދާކަމަށެވެ. އާ އިންޖީނުގެއާއިއެކު ވަކި އަވަށްތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުތައް އާ އިމާރާތަށް ބަދަލުކޮށް، ހަކަތައިގެ ކެޕޭސިޓީ އިތުރުކުރާނެކަމަށްވެސް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ގަމަށް ކަރަޓު ފޯރުކޮށްދިނުމަށް މިހާރު ފެނަކައިން ބޭނުންކުރަމުން އަންނަނީ ޖުމްލަ 1.2 ކިލޯވޮޓްގެ ކެޕޭސިޓީގެ ކަރަންޓެވެ. ނަމަވެސް ގަމުގެ އިތުރުވަމުން އަންނަ އާބާދީއާއި އަދި ވިޔަފާރިތަކަށް ބަލާއިރު މިއީ އެރަށަށް އެންމެ އެކަށީގެންވާ ޢަދަދެއް ނޫންކަމަށް ފެނަަކައިން ވިދާޅުވެއެވެ.

އެހެންކަމުން އާ އިންޖީނުގޭގެ މަސައްކަތް ނިމިގެން އަންނައިރު ގަމުގެ ހަކަތައިގެ ކެޕޭސިޓީ 4.5 ކިލޯވޮޓަށް އިތުރުކުރާނެކަމަށް ފެނަކައިންވަނީ ވިދާޅުވެފައެވެ. އާ އިންޖީނުގޭގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލައި ޚިދުމަތް ފަށާނެކަމަށް ފެނަކައިންވަނީ ބުނެފައެވެ. ލ.ގަމަކީ އާބާދީގައި ހަހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.